ޚަބަރު

ކޮރަޕްޝަން ޢާއްމުވެއްޖެ ނަމަ ޤާނޫނުގެ ޙުކުމް ޤާއިމުކުރުމަށް ގޮންޖެހުންތައް ކުރިމަތިވޭ - އުއްތަމަ ފަނޑިޔާރު


ކޮރަޕްޝަން ޢާންމުވެއްޖެނަމަ، ޤާނޫނުގެ ޙުކުމް ޤާއިމުކޮށް ނެގެހެއްޓުމަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭނެ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިޠާބުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކޮރަޕްޝަން ޢާންމުވެ ފެތުރިއްޖެނަމަ، ޤާނޫނުގެ ޙުކުމް ޤާއިމުކޮށް ނެގެހެއްޓުމަށް ބޮޑެތި ގޮންޖެހުންތަކާއި ހުރަސްތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ. ސަބަބެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޤާނޫނު ނަގަހައްޓައި، ހަމަހަމަކަމާ އެކު އެންމެންގެ މައްޗަށް ޤާނޫނު ހިންގައި ތަންފީޛުކުރުމުގެ މަސައްކަތް ކުރާ އިދާރާތައް ނިކަމެތިވެ، ޖުމްހޫރިއްޔަތު ނެގެހެއްޓުމުގެ ޒިންމާ މަތި ކުރެވިފައިވާ މުއައްސަސާތައް ބަލިކަށި ވެގެންދާ ކަމަށެވެ.

ކާމިޔާބު މުޖުތަމަޢެއް ބިނާކޮށް، އިޖުތިމާޢީ އަދި އިޤުތިޞާދީ ޢަދާލަތު ޤާއިމްވެފައިވާ ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމި އޮތުމަށްޓަކައި ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތް ކުރާ ބަޔަކަށް ވުމަށް އުއްތަމަ ފަނޑިޔާރު ވަނީ ގޮވާލައްވާފައެވެ.

ކޮރަޕްޝަނުގެ ސަބަބުން ޤައުމީ ތަރައްޤީގެ ދުވެލި މަޑުޖެހި، ސަރުކާރަށާއި، ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުން ކުރާ އިޙްތިރާމާއި އިތުބާރު ގެއްލިގެންދާނެކަން ފާހަގަކުރައްވާ އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ކޮރަޕްޝަންގެ ސަބަބުން ޤައުމުގެ އުފެއްދުންތެރިކަމަށް ހުރަސްއެޅި އިޖުތިމާޢީގޮތުން ޤައުމުގެ ޙާލަތު ދަށު ދަރަޖައަށް ދިއުމަށް މެދުވެރިވާ ކަމަށެވެ.

ކޮރަޕްޝަނުން ސަލާމަތްވެފައިވާ ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށްޓަކައި ކުރަންޖެހޭ މަސައްކަތުގެ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބަޔަކީ ޝަރުޢީ ދާއިރާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ، އިންސާނީ ޙައްޤުތައް ކަށަވަރު ކޮށްދޭން ތިބި ފަރާތަކީ ޝަރުޢީ ދާއިރާ ކަމަށެވެ.

ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއަކީ ކޮރަޕްޝަންގެ ނުފޫޒުން އެއްކިބާވެފައިވާ، މިނިވަން އިންޞާފުވެރި ޝަރުޢީ ދާއިރާއެއްގެ ގޮތުގައި ދެމިތިބުމަކީ އަމާޒެއް ކަމަށްވެސް އުއްތަމަ ފަނޑިޔާރުގެ ޙިތާބުގައި ވަނީ ވިދާޅުވެފައެވެ.

ކޮރަޕްޝަން ހުއްޓުވުމުގައި ދައުލަތުގެ މުއައްސަސާތަކުގެ ޤާބިލްކަން އިތުރުކޮށް ކޮރަޕްޝަނަށް ފާރަވެރިވާ ނިޒާމު ހަރުދަނާކޮށް ބާރުވެރި ކުރުވަން ޖެހޭކަމަށާއި، ނަޒާހަތްތެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ހުރިހާ ފަރާތްތަކަކުން ފަރުދީގޮތެއްގައި ބައިވެރިވެ، ގުޅިގެން މަސައްކަތްކުރުމަށް އުއްތަމަ ފަނޑިޔާރު ގޮވާލެއްވިއެވެ.