ޚަބަރު

ކޮރަޕްޝަންގެ ޢަމަލުތަކާގުޅޭ މަޢުލޫމާތު ހާމަކުރާ މީހުންނަށް ހިމާޔަތްދިނުމާއި ގުޅޭ ބިލެއް މަޖިލީހަށް ހުށައަޅައިފި


ކޮރަޕްޝަންގެ ޢަމަލުތަކާގުޅޭ މަޢުލޫމާތު ހާމަކުރާ މީހުންނަށް ހިމާޔަތްދިނުމާގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ މަޖިލީހަށް ހުށަހެޅުއްވި މި ބިލަކީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލެކެވެ. "ވިސްލްބްލޯރކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ބިލް"ގެ ނަމުގައި މަޖިލީހަށް ހުށަހެޅި މި ބިލު މާދަމާ އޮންނަ މަޖިލިސް ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.

ކޮރަޕްޝަންގެ ޢަމަލުތަކާގުޅޭ މަޢުލޫމާތު ހާމަކުރާ މީހުންނަށް ހިމާޔަތް ދިނުމާ ގުޅޭ ޤާނޫނީ ނިޒާމެއް ރާއްޖޭގައި ނެތްއިރު އެފަދަ ޤާނޫނެއް އެކުލަވާލެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ވަޢުދުފުޅެކެވެ.

ކުރީގެ ސަރުކާރުން ރާއްޖޭގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކާއި، ދައުލަތުން ގެއްލިފައިވާ ފައިސާތައް ދަޢުލަތަށް ހޯދައިދިނުމަށް ރައީސް ޞާލިޙް ވަޢުދުވެވަޑައިގެންފައިވާއިރު، އެމަނިކުފާނު މިހާރު ވަނީ އެ މަސައްކަތް ފަށްޓަވާފައެވެ. އަދި ޤާނޫނީ ނިޒާމުގެ ތެރެއިން އެ ފައިސާ ރައްޔިތުންނަށް ހޯއްދަވާދެއްވާނެކަމަށް ރައީސް ޞާލިޙް ވިދާޅުވެފައިވެއެވެ.