ޚަބަރު

ސީ.ޑީ.ޔޫގެ ލީޑަރަކަށް އަނަގްރެޓް ކްރެމްޕް-ކެރެމްބޯއަރ


ޖަރުމަނުވިލާތުގެ ވެރިކަންކުރާ ކްރިސްޓިއަން ޑިމޮކްރެޓިކް ޕާޓީ ސީ.ޑީ.ޔޫގެ މެމްބަރުންގެ މެދުގައި އެއްބައިވަންތަކަން އިތުރުކޮށް ޕާޓީ އިތުރަށް ވަރުގަދަކުރުމަށް ކަމަށް ވިދާޅުވެ، އެ ޕާޓީގެ އާ ލީޑަރު އަނަގްރެޓް ކްރެމްޕް-ކެރެމްބޯއަރ އެޕާޓީ އިސް މަޤާމުތަކަށް ބަދަލުގެންނަވައިފިއެވެ.

ކްރެމްޕް-ކެރެމްބޯއަރ އެ ޕާޓީގެ ލީޑަރުކަމަށް އިންތިޚާބުވެފައިވަނީ ހުސްވި ހަފުތާބަންދުގައި ބޭއްވި އެ ޕާޓީގެ ކޮންގްރެސްގައެވެ. އުމުރުން ފަންސާސް އަށް އަހަރުގެ އަނަގްރެޓް ކްރެމްޕް-ކެރެމްބޯއަރ ޖަރުމަނުވިލާތުގެ ވެރިކަންކުރާ ކްރިސްޓިއަން ޑިމޮކްރެޓިކް ޕާޓީ ސީ.ޑީ.ޔޫގެ ލީޑަރުކަމަށް އިންތިޚާބު ކުރައްވާފައި މިވަނީ އެމަޤާމުގައި ކުރިން ހުންނެވި ޖަރުމަނުވިލާތުގެ ޗާންސެލަރ އަންގެލާ މަރކެލް ޕާޓީ ލީޑަރުގެ މަޤާމުން އިސްތިއުފާ ދެއްވުމާއެކުގައެވެ.

ޖަރުމަނުވިލާތުގެ ހެމްބަރގްގައި ބޭއްވި ޕާޓީގެ ކޮންގްރެސްގައި ވާހަކަދައްކަވަމުން މަރކެލް ވިދާޅުވީ، ވޭތުވެދިޔަ އަށާރަ އަހަރު ދުވަހު އެ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން މަސައްކަތް ކުރައްވަން ލިބިވަޑައިގަތުމަކީ އެކަމަނާއަށް ލިބިވަޑައިގެންނެވި އެންމެ ބޮޑު އެއް ޝަރަފުކަމަށެވެ.

މަރކެލް ވަނީ މި ފަދަ ޝަރަފެއް ދެއްވީތީ ޕާޓީގެ މެމްބަރުންނާއި ޖަރުމަނުވިލާތުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. ވޭތުވެދިޔަ ތޭރަ އަހަރު ދުވަހު ޖަރުމަނުވިލާތުގެ ޗާންސެލަރކަން ކުރައްވާފައިވާ މަރކެލް ވިދާޅުވީ، ޖަރުމަނުވިލާތުގެ މުސްތަޤުބަލަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށެވެ. އެހެންނަމަވެސް މިކަންކަމުން އަރައިގަތުމަށް ޖަރުމަނުވިލާތުން އަބަދުވެސް ޢަމަލުކުރަމުންދިޔަ ސިޔާސަތުތަކާއި އުސޫލުތަކުގައި އެގައުމުން ހިފަހައްޓަން ޖެހޭ ކަމަށާއި، އެއީ ދާޚިލީ އަދި ޚާރިޖީ ކަންކަމުގައިވެސް ދައްކަން ޖެހޭ އުސޫލުތަކެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ސީ.ޑީ.ޔޫގެ ކޮންގްރެސްގައި ޕާޓީގެ ލީޑަރުގެ ގޮތުގައި ކްރެމްޕް-ކެރެމްބޯއަރ ހަމަޖައްސަވާފައިވަނީ ފްރެދްރިކް މާޒްއާ ދެ ބޭފުޅުންގެ ވާދަވެރި ކުރިމަތިލުމަށް ފަހު، ދެވަނަ ބުރުގައި ލިބިވަޑައިގެންނެވި ކާމިޔާބީއާއެކުގައެވެ. ސީ.ޑީ.ޔޫގެ ލީޑަރުކަމަށް ކްރޭމްޕް ކްރެންބައުއާރ އައްޔަންވުމާއެކު ދެން ޖަރުމަނުވިލާތުގެ ޗާންސެލަރ ކަމާ ހަވާލުވެވަޑައިގަންނަވާނީ އޭނާކަމަށް ބެލެވެއެވެ.

ސީ.ޑީ.ޔޫގެ ލީޑަރުކަމަށް އައްޔަންވެވަޑައިގެންނެވުމާ އެކު ކްރެމްޕް-ކެރެމްބޯއަރ ވަނީ، ޕާޓީގެ ތެރޭގައި އޮންނަ އެއްބައިވަންތަކަން އިތުރުކުރުމަށް ފިޔަވަޅުތައް އެޅުމަށް ނިންމަވާފައެވެ.