ވިޔަފާރި

ވިޔަފާރިވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް ޤާނޫނުތައް އިސްލާހުކުރަނީ


ޤާނޫނުތައް ހުރި ގޮތުން ވިޔަފާރިވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ވަރަށް އަވަހަށް މަޖިލީހަށް ހުށައަޅުއްވާނޭކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޟު އިސްމާޢިލް ވިދާޅުވެއްޖެއެެވެ.

އަންހެން ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލްގައި ބޭއްވި ބައްދަލުވުމަކަށްފަހު ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟު ވިދާޅުވީ، ބައްދަލުވުމުގެ ތެރެއިން އަންހެން ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް އޮޅުންފިލުވައި އެކަންކަން ހައްލުކުރުމަށް ސަރުކާރަށް ކުރެވޭނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާކަމަށެވެ. އަދި މިކަންކަން ހައްލުކުރުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލެއް ހުރިނަމަ އެ ކަންވެސް އަވަސް މުސްތަޤްބަލެއްގައި ކުރައްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ވިޔަފާރިވެރިންނަށް ދެއްވާފައެވެ.

"އެބޭފުޅުން ހުރި ދަތިތަކުގެ ބައެއް ކަންތައް ފާހަގަކުރެއްވި، ދެން އަޅުގަނޑުމެންނަށްވެސް އަޅުގަނޑުމެންގެ ދިރާސާތަކުން ފާހަގަކުރެވިފައި ހުރި ވަރަށް ގިނަ ކަންކަން އެބޭފުޅުންވެސް ފާހަގަކުރެއްވި. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަންކަމަށް ހައްލު ހޯދަން ސަރުކާރުތެރެއިން ވީހާވެސް އަވަހަށް ކުރެވެންހުރި ކަންކަން އަޅުގަނޑުމެން ކުރިއަށްގެންދާނަން. ދެން އަދި ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް އަޅުގަނޑުމެން މަޖިލިސްއަށް ހުށައަޅައިގެން ކުރިއަށްގެންދިއުމުގެ މަސައްކަތް ކުރާނަން." މިނިސްޓަރ ފައްޔާޟު އިސްމާޢިލް ވިދާޅުވިއެވެ.

ވިޔަފާރީގެ މައިދާނުގައި މަސައްކަތްކުރާ އަންހެނުންނަށް ހުޅުވާލައިގެން ބޭއްވި މި ބައްދަލުވުމުގައި ބޮޑަށް ފާހަގަކުރެވުނީ ކުދި ވިޔަފާރިވެރިންނަށް ދިމާވާ ދަތިތައްކަމަށް އިކޮނޮމިކް މިނިސްޓަރ ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން އަންނަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ރާވާފައިވާ ކަންކަމުގެ ތެރޭގައިވެސް ވިޔަފާރިތަކަށް ދަތިވާގޮތަށް ސަރުކާރުން އަދި އެކިއެކި މުއައްސަސާތަކުން ހަދާފައިހުރި ޤަވައިދުތައް ބަދަލުކޮށް ރިވިއުކުރުން ހިމެނެއެވެ.