ޚަބަރު

ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން މިސްކިތްތަކުގައި ޚާއްޞަ ދުޢާއެއްކޮށްފި


ރާއްޖެ އިސްލާމްވި ދުވަހާ ގުޅުވައިގެން ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ޚާއްޞަ ދުޢާއެއްކޮށްފިއެވެ.

މިއަދު މަޣްރިބް ނަމާދަށްފަހު ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ކުރި މި ދުޢާގައި އިސްލާމްދީނާއި މުސްލިމުން މަތިވެރި ކުރައްވައި، ޝިރުކާއި މުޝްރިކުން ނިކަމެތި ކުރެއްވުންއެދި ދުޢާކޮށްފައިވެއެވެ. އަދި ދިވެހިރާއްޖެ އިސްލާމްކަންމަތީ އަބަދައް ލެހެއްޓެވުމަށާއި، ރާއްޖެއަށް ގެއްލުންދޭން ރާވާ ކޮންމެ ބަޔަކަށް ނާކާމިޔާބީއާއި ނިކަމެތިކަން މިންވަރުކުރެއްވުން އެދި ދުޢާކޮށްފައިވެއެވެ.

ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން އިސްލާމިކް މިނިސްޓްރީއާއި ހޯމް މިނިސްޓްރީ ގުޅިގެން ބާއްވާ ޚާއްޞަ ޖަލްސާ މާދަމާރޭ ދަރުބާރުގޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާ އޮންނާނީ މާދަމާރޭ 9 ޖަހާއިރު ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައެވެ.

ރާއްޖެ އިސްލާމްވީ ހިޖުރައިން 548 ވަނަ އަހަރުއެވެ. ނަމަވެސް ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ވަކި ދުވަހެއް ފާހަގަކުރަން ފަށާފައިވަނީ ހިޖުރައިން 1374 ވަނަ އަހަރުއެވެ.