ދުނިޔެ

ޕާކިސްތާނުގެ ސްކޫލަށްދިން ހަމަލާއަށްފަހު އަލުން ކިޔެވުންފަށައިފި


ޕާކިސްތާނުގެ އަސްކަރީ ސްކޫލަކަށް އަމާޒުކޮށް މިދިޔަ ޑިސެމްބަރު މަހު ދިން ލާއިންސަނީ ޢުދުވާނީ ޙަމަލާއަށްފަހު، އެ ޙަމަލާއިން ސަލާމަތްވި ދަރިވަރުން އާ ޓާރމުގެ ކިއެވުން ފަށައިފިއެވެ.ޑިސެމްބަރު މަހުގެ ޙަމަލާއާ ގުޅިގެން ފިނި މޫސުމުގެ ޗުއްޓީގެ މުއްދަތު އިތުރުކުރުމަށްފަހު ކިއެވުން އަލުން ފަށާފައިވާއިރު، ސްކޫލްގެ މަޞްރަހުން ފެނިގެންދިޔައީ ހިތާމައިގެ މަންޒަރުތަކެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.ޕާކިސްތާނުގެ އަރމީ ޕަބްލިކް ސްކޫލްގެ ތެރެއަށް ހަނގުރާމަވެރިން ވަދެ، ޑިސެމްބަރ ސޯޅަ ވަނަ ދުވަހު ހިންގި ލާއިންސާނީ ޢުދުވާނަށްފަހު، ސަތޭކަ އަށްޑިހަ މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮންނަ ޕާކިސްތާނުގެ ގިނަ ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ.ޑިސެމްބަރ ސޯޅައިގެ ޙަމަލާގައި ސަތޭކަ ސާޅީހަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލުނުއިރު، އޭގެ ތެރޭގައި ސަތޭކަ ތިރީސް ހަތަރު ކުޑަކުދިން ހިމެނެއެވެ.ހަމަނުޖެހުންތައް ޢާންމު ޕެޝާވަރުގައި ޕާކިސްތާނުގެ އަސްކަރިއްޔާއިން ހިންގަމުންދާ ޢާންމު ސްކޫލް – އޭ.ޕީ.އެސްއަށް ދިން ވަރުގަދަ ޙަމަލާއަށްފަހު އެ ސްކޫލުގެ ކިއެވުން އަލުން ފަށާފައިވާއިރު، އެ ސަރަޙައްދުގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ.ޕާކިސްތާނުގެ އެތައް މިލިއަން ކުދިންނެއް މިއަދު އާ ޓަރމެއްގެ ކިއެވުން ފެށިއިރު، ޕާކިސްތާނު އަސްކަރިއްޔާގެ ޖެނެރަލް ރަޙިލް ޝަރީފު ވަނީ، ޕެޝާވަރަށް ވަޑައިގެން، ޑިސެމްބަރުގެ ޙަމަލާއިން ސަލާމަތްވި ކިޔަވާކުދިންނާ ބައްދަލު ކުރައްވާފައެވެ. އެ ޙަމަލާއިން ސަލާމަތްވި ކުދިންގެ ތެރޭގައި މިހާރުވެސް ޒަޚަމްތަކަށް ފަރުވާ ހޯދަމުންދާ ކުދިން ހިމެނޭ. ސްކޫލަށް ބަލާލުމުން ބެލެނިވެރިންނާ ދަރިވަރުން ރޯމަންޒަރު ފެނިގެންދެއެވެ.ސަލާމަތާ ބެހޭ އޮފިޝަލަކު ވިދާޅުވީ، ޕާކިސްތާނުގެ އަސްކަރީ އޮފިޝަލު ތަޤުރީރު ކުރައްވާފައި ނުވާކަމަށާ، ނަމަވެސް ވަކިވަކިން ބެލެނިވެރިންނާ ބައްދަލުކުރައްވާ، ޕާކިސްތާނުން ޓެރަރިސްޓުން ނެތިކޮށްލައްވާނެކަމުގެ ޔަޤީންކަން އަރުވާފައިވާކަމަށެވެ.ޕާކިސްތާނު އަސްކަރިއްޔާގެ ތަރުޖަމާނާ ޙަވާލާދެއްވާ ޝަރީފު ވިދާޅުވީ ޕާކިސްތާނަކީ ބަލިކޮށްލެވޭނެ ޤައުމެއް ނޫންކަމަށެވެ.ކަންމިހެން އޮތްއިރު، ޑިސެމްބަރުގެ ޙަމަލާގައި މަރުވެދިޔަ ކުދިންގެ  ތެރެއިން ބައެއް ކުދިންގެ މައިންބަފައިން މި ބައްދަލުވުމުގައި ބައިވެރިވެފައެއް ނުވެއެވެ. އެއީ އަނބުރާ ސްކޫލަށް ދިއުމަކީ އެމީހުންގެ ހިތުގައި އިތުރު ވޭނެއް އުފެދޭނެ ކަމަކަށް ވާތީ ކަމަށް ބައެއް ބެލެނިވެރިން ބުނެއެވެ.ޕާކިސްތާނު އަސްކަރިއްޔާގެ އިސް އޮފިޝަލުވަނީ، އޭ.ޕީ.އެސް ސްކޫލްގެ އެސެމްބްލީގައިވެސް ބައިވެރިވެވަޑައިގެންފައެވެ.ޕާކިސްތާނު  ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ، ޕެޝާވަރުގެ ޢާންމު ސްކޫލްތަކުގެ ވަށައިގެން އަށް ފުޓޫ އުސް މިނުގެ ބޭރު ފާރު ރާނާފައިވާކަމަށެވެ. އަދި ސްކޫލްތަކުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށްޓަކައި އެތައް ސަތޭކަ ޢާންމު ރައްޔިތުންނެއް ވޮލަންޓިއަރ ކުރަމުންދާ ކަން ޕާކިސްތާނުގެ އޮފިޝަލު ވަނީ ފާހަގަކުރައްވާފައެވެ.ހަތިޔާރުއެޅި ހަނގުރާމަވެރިންގެ ޙަމަލާތަކަކީ ޕާކިސްތާނުގައި ޢާންމު ކަމެއް ނަމަވެސް، މައުސޫމް ކުދިންތަކެއް ތަޢުލީމް ޙާޞިލުކުރަމުންދިޔަ ސްކޫލެއްގެ ތެރެއަށް ވަދެ، ޠާލިބާނުން ދިން ރަޙުމެއް ނެތް ހަމަލާތަކަކީ، ޕާކިސްތާނު މިހާތަނަށް ދުށް މިފަދަ އެންމެ ހިތާމަވެރި ޙާދިޘާ ކަމަށް ބައިނަލްއަޤްވާމީ މީޑިއާއިން ސިފަކުރެއެވެ.މިއީ ހަތިޔާރުއެޅި ހަނގުރާމަވެރިންގެ ޢަމަލުތައް ހުއްޓުވުމަށް ޕާކިސްތާނު ސަރުކާރުން އެދެވޭ މަސައްކަތްތަކެއް ކުރަމުން ނުދާކަން އަންގައިދޭ ކަމެއް ކަމަށް ބުނެ، ޕާކިސްތާނުގެ ސަރުކާރަށް މިދަނޑިވަޅުގައި ދަނީ ފާޑުކިއުންތައް އަމާޒު ވަމުންނެވެ.