ޚަބަރު

ސާކް ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖޭގެ އެއްބާރުލުން ލިބޭނެ - ރައީސް


ސާކުގެ މެންބަރު ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުމާ އެހީތެރިކަން އަބަދުވެސް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

"ސާކް ޗާޓަރ ޑޭ"ގެ މުނާސަބަތުގައި ސާކްގެ ސެކްރެޓަރީ ޖެނެރަލް ހިޒް އެކްސެލެންސީ މިސްޓަރ އަމްޖަދް ބީ. ސިއާލްއަށް ރައީސް ޞާލިޙު ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ އެކި ޤައުމުތައް ތަފާތުވީ ނަމަވެސް ހުރިހާ ޤައުމެއްވެސް އެއްގަލަކަށް އަރައިގެން މަސައްކަތް ފެށީ އޭޝިޔާ ބައްރަކީ ޞުލްޙަވެރި ތަނަވަސް ސަރަހައްދަކަށް ހެދުމަށް ކުރާ އުއްމީދުގެ ސަބަބުން ކަމަށެވެ. ރައީސް ޞާލިޙުގެ ސިޓީފުޅުގައި ދެކުނު އޭޝިޔާއަކީ މުއްސަނދި ސަޤާފަތެއް ހިމެނޭ ޞަރަޙައްދެއްކަން ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، 1985 ވަނަ އަހަރުގައި ސާކް އުފެދި ހަރަކާތްތެރިވާން ފެށިފަހުން، މި ޞަރަޙައްދުގެ ޤައުމުތަކުގައި ތަފާތު އެކި ދާއިރާތަކުން، ކުރިއެރުން ހޯދާފައިވާކަންވެސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ރައީސް ޞާލިޙު ވިދާޅުވީ ސާކް އުފެދުނު ފަހުން އިޖްތިމާޢީ އަދި އިޤްތިޞާދީ ރޮނގުން ދެކުނު އޭޝިއާގެ ޤައުމުތަކަށް ކުރިއެރުން ހޯދައިދިނުމުގައި ސާކުން މުހިންމު ރޯލެއް އަދާކޮށްފައިވާ ކަމަށެވެ. އަދި އެއްޤައުމު އަނެއް ޤައުމާ ގުޅުން ބަދަހި ކުރުމުގައިވެސް ސާކުން މިހާރުވެސް އިސް ރޯލެއް އަދާކުރަމުން އަންނަ ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި މި ޞަރަޙައްދުގެ ޞުލްޙަ ޤާއިމުކޮށް، އިޖްތިމާޢީ އަދި އިޤްތިޞާދީ ހަމަޖެހުން ޤާއިމްކުރުމަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަން ވަނީ ހާމަކުރައްވާފައެވެ. އަދި، ޤައުމުތަކުގެ ތަފާތު އެއްކައިރިކޮށް މި ޞަރަޙައްދުގައި ދިރިއުޅޭ މީހުންގެ ލާބައާއި މަންފާއަށް އެންމެން އެކުގައި މަސައްކަތްކުރާނެކަމަށް އުއްމީދުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، ސާކް އުފެދުނުތާ 34 ވަނަ އަހަރު މިއަދު ފާހަގަކުރަމުންދާއިރު، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސާކް ސެކްރެޓަރީ ޖެނެރަލަށާއި، ސާކް ގެ މެންބަރު ޤައުމުތަކާއި، ސާކްގެ މުވައްޒަފުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައިވެއެވެ.