ދުނިޔެ

ވިލާތުގައި މުސްލިމުންނާ ދެކޮޅަށްދޭ ޙަމަލާތައް އިތުރުވެފައި


މުސްލިމުންނާ ދެކޮޅަށް، ވިލާތުގައި ދޭ ޙަމަލާތައް ހުސްވި މަހު ކަންބޮޑުވާ މިންވަރަށް އިތުރު ވެފައިވާ ކަމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން – އޯ.އައި.ސީގެ އިސްލާމޮފޯބިއާ އޮބްޒަރވޭޓަރީން ހާމަކޮށްފިއެވެ.އެގޮތުން ފަރަންސޭސިވިލާތާ، ސްވިޑަން އާއި ޖަރުމަނުވިލާތުގައި ދީފައިވާ މިފަދަ ޙަމަލާތައް އިތުރުވެފައިވާކަމަށާ، މި ފަދަ ޙަމަލާތަކުގައި ގެއްލުންވާ މީހުންގެ ޢަދަދަށް ބަލާއިރު، މިއީ ސީރިއަސް ކަންބޮޑުވުމެއް ކަން އައި.އޯ.ސީންވަނީ ފާހަގަކޮށްފައެވެ. އަދި ނަފްރަތުގެ ޖިނާޢީ ކުށުގެ ޝިކާރައަކަށް އިނގިރޭސިވިލާތުގައި ވީ މުސްލިމު އަންހެނުންގެ ޢަދަދު ދިހައެއް އިންސައްތަ އިތުރު ވެފައިވާއިރު، ޢަބުރަށް ހުތުރުވާ ފަދަ ބަދުނާމުތަކާ އިންޒާރުތައް އަމާޒުވި މުސްލިމު އަންހެނުންގެ ޢަދަދު ޢާންމު ގޮތެއްގައި ދެގުނަ އިތުރުވެފައިވާކަންވެސް އޯ.އައި.ސީންވަނީ ފާހަގަކޮށްފައެވެ.ކަންމިހެން އޮތް ނަމަވެސް، ރަޝިޔާ، އިންޑިއާ އަދި ދެކުނު އެފްރިކާ ފަދަ ޤައުމުތަކުގައި އިސްލާމް ދީނާ މުސްލިމުންނާ މެދު ރަޙުމަތްތެރިކަން ބެހެއްޓިކަން، އޯ.އައި.ސީގެ އިސްލާމޮފޯބިއާ އޮބްޒަރވޭޓަރީން ފާހަގަކުރެއެވެ.