ދުނިޔެ

ލަންކާގައި ބޭއްވުނު އިންތިޚާބަކީ ޑިމޮކްރެޓިކް އިންތިޚާބެއްނޫން-


ސްރީލަންކާގައި ދާދި ފަހުން ނިންމާލި ރިޔާސީ އިންތިޚާބަކީ، ފުރިހަމަ ޑިމޮކްރަޓިކް އިންތިޚާބެއްގެ ހުރިހާ އަސާސެއް ހަމަވާ އިންތިޚާބެއް ނޫން ކަމަށް އިންތިޚާބު އޮބްޒަރވްކުރުމުގައި ހަރަކާތްތެރިވި ކޮމަންވެލްތުގެ ޓީމުން ބުނެފިއެވެ.އެގޮތުން ކެނޑިޑޭޓުންގެ މެދުގައި ވާދަވެރިކަން އޮތީ، ހަމަހަމަ އުސޫލަކުން ނޫންކަމަށާއި، ދަޢުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުން ފަދަ މައްސަލަތަކެއް ހުރިކަން ކޮމަންވެލްތުން ވަނީ ފާހަގަކޮށްފައެވެ.އިންތިޚާބުތަކާ ބެހޭ މިނިވަން ކޮމިޝަނެއް ސްރީލަންކާގައި ނެތްއިރު، ސްރީލަންކާގެ އިންތިޚާބުތަކާ ބެހޭ އޮނިގަނޑު އޮތީ ޑިމޮކްރަޓިކް އިންތިޚާބެއްގެ އަސާސީ ޝަރުތުތަކަށްވެސް ނުފެތޭ ގޮތަކަށް ކަމަށް ކޮމަންވެލްތު އޮބްޒަރވަރުންގެ ޓީމުން ނެރުނު ވަގުތީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.ޖެނުއަރީ މަހުގެ އަށްވަނަ ދުވަހު ސްރީލަންކާގައި ކުރިޔަށްދިޔަ އިންތިޚާބުގައި އެޤައުމުގެ ރައްޔިތުންގެ އަޑު ތަމްސީލުވެފައިވާކަމަށާ، ނަމަވެސް ނުއެކަށޭނަ އިންތިޚާބީ އޮނިގަނޑެއް އޮތުމާ، އިންތިޚާބުގެ ކުރިން ސްރީލަންކާގެ މަޞްރަޙުގައި ނާއިންސާފު ކަންތައްތަކެއް ހުރިކަން ކޮމަންވެލްތުން ވަނީ ފާހަގަކޮށްފައެވެ. އަދި މިކަންކަމަކީ ޑޮމޮކްރަޓިކް އިންތިޚާބެކޭ ބުނެވޭނެ ފުރުޞަތު ނަގާލާ ކަމެއްކަންވެސް ކޮމަންވެލްތުގެ ވަގުތީ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.އިންތިޚާބުގެ ކުރިން ކެމްޕޭންތައް ކުރިޔަށްދިޔަ ދުވަސްވަރު ދަޢުލަތުގެ މީޑިއާއިން އިދިކޮޅު ކެނޑިޑޭޓާ ދެކޮޅަށް ޚަބަރު ފެތުރުމުގައި ވަކި ފަރާތަކަށް އިންތިހާއަށް ބަރޯސާވެފައިވާކަމަށާ، އޮފިޝަލުންގެ ތާޢީދު، ރިޔާސަތުގައި ހުންނެވި ފަރާތުގެ ކެމްޕޭނަށް އޮތްކަން ކޮމަންވެލްތުން ފާހަގަކުރެއެވެ. މީގެ އިތުރުން ދަޢުލަތުގެ ފައިސާ ބޭނުން ކުރުމާ،  ހަދިޔާ ބެހުމުގެ އިތުރަށް، ރިޔާސަތުގައި ހުންނެވި ކެނޑިޑޭޓު ޕްރޮމޯޓް ކުރުމުގެ ގޮތުން ރިސްވަތުގެ ޢަމަލުތަކެއް ހިންގާފައިވާކަންވެސް ކޮމަންވެލްތު އޮބްޒަރވަރުންގެ ވަގުތީ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އަދި ރިޔާސަތުގައި ހުންނެވި މަހިންދަ ރާޖަޕަކްސަގެ އިދިކޮޅު ކެނޑިޑޭޓު – މައިތްރިޕާލާ ސިރީސޭނާއަށް ދަޢުލަތުގެ މީޑިއާއިން މާބޮޑު ކަވަރޭޖެއް ދީފައި ނުވާކަމަށް ކޮމަންވެލްތުން ބުނެއެވެ.އިންތިޚާބާ ދިމާކޮށް ދިން ޙަމަލާތަކީ ސިޔާސީ އޮފީސް ހިންގާ ފަރާތްތަކާ ސީދާ ގޮތުން ގުޅުންހުރި ކަމުގެ ހެކި ލިބިފައިވާ ޙަމަލާތަކަކަށް ވީއިރު، އެ ޙަމާލަލަތަކީ އިންތިޚާބުގެ ދުވަހު ހަމަނުޖެހުންތަކެއްގެ ބިރުވެރިކަން އުފެއްދުމަށް ހިންގި ހަރަކާތްތަކެއް ކަމަށް ކޮމަންވެލްތުން ވަނީ ސިފަކޮށްފައެވެ.ކަންމިހެން އޮތް ނަމަވެސް އިންތިޚާބުގެ ދުވަހު ވޯޓުލީ މީހުން މިނިވަންކަމާއެކު ވޯޓުލާފައިވާކަމަށާ، ދުވަހުގެ ކުރީކޮޅު ގިނަ ޢަދަދެއްގެ ބަޔަކު ވޯޓުލުމުގެ ސަބަބުން ވޯޓު ފޮށިތައް ބަންދުކުރަން ހަމަޖެއްސި ގަޑިއަށް މަސައްކަތްތައް ނިންމާލެވުނުކަން ކޮމަންވެލްތުން ފާހަގަކުރެއެވެ. ވޯޓު ގުނުމުގެ މަސައްކަތްތައް ކުރިޔަށް ގެންގޮސްފައިވަނީ ދެފުށް ފެންނަ ގޮތަކަށް ކަމަށާ، ވޯޓުގުނުމުގެ މަސައްކަތުގައި އޮފިޝަލުން ހަރަކާތްތެރިވީ ޝަޢުޤުވެރިކަމާއެކުގައި ކަންވެސް ކޮމަންވެލްތުގެ އޮބްޒަރވަރުންވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މިފަހަރުގެ އިންތިޚާބުގައި ލަންކާގެ އޮބްޒަރވަރުންނަށް ބައިވެރިވެވުނުއިރު މިއީ މިކަން މިގޮތަށް ކުރިޔަށްދިޔަ ފުރަތަމަ ފަހަރުކަން ކޮމަންވަލެތުން ވަނީ ފާހަގަކޮށްފައެވެ.