ވިޔަފާރި

ވާވޭ މޭޓް 20 އާއި ވާވޭ މޭޓް 20 ޕްރޯ ރާއްޖެއަށް ތަޢާރަފްކޮށްފި


ދިރާގުން ވާވޭ ބްރޭންޑްގެ ވާވޭ މޭޓް 20 އަދި ވާވޭ މޭޓް 20 ޕްރޯ މޮޑެލްގެ ފޯނު ރާއްޖެއަށް ތަޢާރަފްކޮށް، ވިއްކަން ފަށައިފިއެވެ.

ވާވޭ މޭޓް 20 އަދި މޭޓް 20 ޕްރޯ ރަސްމީކޮށް އިފްތިތާޙުކުރުމަށް ދިރާގުގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ދިރާގުގެ އިސް ބޭފުޅުންގެ އިތުރުން ވާވޭ ސްރީލަންކާގެ ބޭފުޅުންނާއި ރާއްޖޭގައި ހުންނަ ވާވޭގެ އޮތޯރައިޒްޑް ޑިސްޓްރިބިއުޓަރ މެކްސްކޮމް ޓެކްނޮލޮޖީސް ލިމިޓެޑުންވެސް ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ޑިޖިޓަލް ޓްރާންސްފޯމެޝަން ޑިރެކްޓަރު މުޙައްމަދު މުސްޢަދު ވިދާޅުވީ ވާވޭއަކީ މިހާރު ޓެކްނޮލޮޖީގެ ދާއިރާގައި ދުނިޔޭގައި އެންމެ ޙަލުވިކަމާއިއެކު ކުރިއަރަމުން އަންނަ ބްރޭންޑް ކަމަށާއި، އަލަށް ތަޢާރަފް ކުރެވުނު ފޯނުތަކަކީ ކަސްޓަމަރުންނަށް އިތުރު ފަސޭހަތަކެއް ލިބޭނެ ފޯނުތަކެއްކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

ވާވޭ ސްރީލަންކާގެ ޖެނެރަލް މެނޭޖަރ ކަލްޕާ ޕެރޭރާގެ ވާހަކަފުޅުގައި ވާވޭގެ އައު މޮޑެލް ތަކުގައި އެކުލެވޭ ފީޗަރސްތަކަށް އަލިއަޅުވާލައްވާ ވާހަކަ ދެއްކެވިއެވެ. އަދި ސްމާޓް ފޯން އުފެއްދުމުގައި ދުނިޔޭގައި އެއްވަނަ ކުންފުންޏަށްވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް ކަލްޕާ ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ދިރާގުގެ ޑިވައިސް މެނޭޖަރ އަޙްމަދު އިޝާން ވިދާޅުވީ ވާވޭގެ މޭޓް 20 އަދި މޭޓް 20 ޕްރޯއަކީ ފޯނުން ފޮޓޯ ނަގާ ނުވަތަ މޮބައިލް ފޮޓޯގްރަފީއަށް ލޯބި ކުރާ ފަރާތްތަކަށް ކަމުދާނެ ފޯނެއްް ކަމަށެވެ.

" ވާވޭއަކީ މިހާރު ދުނިޔޭގައި ނަމްބަރ ސެކަންޑް މޮސްޓް ޕޮޕިއުލަރ ފޯން. ރާއްޖޭގެ މާރކެޓަށް ބަލާ ކަމަށްވަންޏާ ވާވޭއަކީ ވަރަށް ގިނަ ކަސްޓަމަރުން ބޭނުންކުރާ ފޯނެއް. ދިރާގުން ޚާއްސަ ގޮތެއްގައި ކަސްޓަމަރުންނަށް ގެނެސްދެނީ ކޮންމެ ބްރޭންޑެއްގެވެސް އެންމެ ފަހުގެ އެންމެ ވަރުގަދަ ފްލޭގްޝިޕް ފޯންތައް.މިއީ މިހާރު 2018ވަނަ އަހަރުގެ އެހެން ފޯންތަކާއި އަޅާބަލާއިރު އެހެން ފޯންތަކާއި ވަރަށް ބޮޑަށް ވާދަކުރާ ފޯނެއް" އިޝާން ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ދިރާގުން މިރޭ ތަޢާރަފްކުރި ވާވޭގެ ދެ ފޯނަށް ޕްރީ އޯޑަރކުރި ފަރާތްތަކަށް ފޯނު ހަދިޔާކުރުންވެސް ކުރިއަށްދިޔައެވެ.

ދިރާގުން ވާވޭ މޭޓް 20 ގަންނަ ކޮންމެ ފަރާތަކަށް ފްލިޕް ކަވަރެއް ހިލޭދެއެވެ. އަދި ވާވޭ މޭޓް 20 ޕްރޯ ބައްލަވައިގަންނަވާ ފަރާތްތަކަށް ފްލިޕް ކަވަރއެއްގެ އިތުރުން ވަޔަރލެސް ޗާޖަރެއްް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ގަންނަ ވާވޭ ގެ ފޯނަތްތަކަށް އެއް އަހަރުގެ ވޮރެންޓީއެއް ވެސް ލިބިގެންދާނެއެވެ.

ދިރާގުން ބުނީ ޕްރީ އޯޑަރަށް ހުޅުވާލުމުން މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ކަސްޓަަމަރުން އޯޑަރު ދެމުންދާ ކަމަށާއި، މި ފޯންތަކަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަ ކަމަށެވެ.

ވާވޭ މޭޓް 20 އެއް އަހަރަށް ބަހާލައިގެން ކޮންމެ މަހަކު 988 ރުފިޔާ ދައްކާގޮތަށް ގަންނަން ލިބޭނެއެވެ. އަދި ވާވޭ މޭޓް 20 ޕްރޯ 12 މަހަށް ބަހާލައިގެން ކޮންމެ މަހަކު 1148 ރުފިޔާ ދައްކާ ގޮތަށް ލިބެން ހުންނާނެއެވެ. މިއިން ކޮންމެ މޮޑެލްއަކަށްވެސް އެޑްވާންސްގެ ގޮތުގައި 2999 ރުފިޔާ ދައްކަން ޖެހެއެވެ. ނަމަވެސް އެއް ފަހަރާ ފައިސާ ދައްކާ ގޮތަށް ވާވޭ މޭޓް 10999 ރުފިޔާއަށް ލިބެން ހުރި އިރު، ވާވޭ މޭޓް 20 ޕްރޯ ލިބެން ހުރީ 15999 ރުފިޔާއަށް ކަމަށް ދިރާގުން ބުނެއެވެ.