ވިޔަފާރި

ލަ ކުއިސީން، ސިއަލް 2018 ގައި ރާއްޖެއިން ދެ ޝެފުން ބައިވެރިވާނެ


ކަލިނަރީ ދާއިރާގައި ހަރަކާތްތެރިވާ އެކި ޝެފުންނަށް ޚާއްސަކޮށްގެން މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު އެއް މުބާރާތްކަމަށްވާ ލަ ކުއިސީން- ސިއަލް 2018 ގައި ރާއްޖޭގެ ދެ ޝެފުން ބައިވެރިވާގޮތަށް ހަމަޖެހިއްޖެއެވެ.

މިމަހުގެ 10 ވަނަ ދުވަހުން 12 ވަނަ ދުވަހުގެ ނިޔަލަށް އަބޫދާބީގައި ކުރިއަށްދާ މުބާރާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވާނީ ހޮޓެލް އޭޝިއާ 2018 ގެ އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖުން އެއް ވަނަ ހޯދާފައިވާ ޝެފް އިބްރާހިމް ނާތިފް އަދި ޝެފް މުހައްމަދު އާދިލްއެވެ.

މި މުބާރާތުގައި މި ދެ ޝެފުން ތަމްސީލުކުރަނީ މޯލްޑިވްސް އެގްޒިބީޝަން އެންޑް ކޮންފެރެންސް ސާރވިސް އެމް.އީ.ސީ.އެސް އަދި ހޮޓެލް އޭޝިއާގެ މެއިން ސްޕޮންސަރ ބެސްޓް ބައި މޯލްޑިވްސް، ބީބީއެމްއެވެ.

ބެސްޓް ބައި މޯލްޑިވްސް ސީއީއޯ މުހައްމަދު މަޒްލޫމް ވިދާޅުވީ ފާއިތުވި އަހަރުތަކުގައި ކަލިނަރީ ދާއިރާ ކުރިއަރުވައި، މިދާއިރާއަށް ގިނަ ޒުވާނުންތަކެއް ތަޢާރަފްކޮށްފައިވާކަމަށެވެ. އަދި ރާއްޖެއިން މިފަދަ މުބާރާތެއްގައި ބައިވެރިވުން މިއީ ރާއްޖޭގެ ކަލިނަރީ ދާއިރާ އިތުރަށް ފުޅާވެގެންދާނެ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ލަ ކުއިސީން-ސިއަލް 2018 ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޝެފުން ބައިވެރިވާއިރު މި މުބާރާތުގައި ކެއްކުމުގެ ހުނަރު ދައްކާލުމުގެ އިތުރުން އިތުރު ހަރަކާތްތައް ކުރިއަށްދާނެކަމަށް މި މުބާރާތް އިންތިޒާމްކުރާ އެމިރޭޓްސް ކަލިނަރީ ގިލްޑްއިން ބުނެއެވެ.

މި މުބާރާތުގައި 19 ދާއިރާއަކުން ހާހެއްހާ ޝެފުން ބައިވެރިވާއިރު، މުބާރާތުގައި ވާދަކުރުމުގެ ފުރުޞަތު ދުނިޔޭގެ ހުރިހާ ޝެފުންނަށް ވަނީ ހުޅުވާލާފައެވެ.