ޚަބަރު

މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމާނަން- ރައީސް ޔާމީން


ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމުގެ ވިސްނުން ގެންގުޅުއްވަކަމަށާއި، ވަރަށް އަވަހަށް ގޮތެއް ނިންމަވާނެކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީޢެމްގެ ޓިކެޓްގައި ވާދަކުރާ ބައެއް ފަރާތްތަކާ ޓިކެޓް ހަވާލުކުރުމަށް ޕީޕީއެމްގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ކުރީގެ ރައީސް ޔާމީން ވިދާޅުވީ، މަޖިލީހަށް ވާދަކުރުމާމެދު އަދި ގޮތެއް ނުނިންމަވާކަމަށެވެ. ނަމަވެސް އަދިވެސް ކުރިއަށް ބައެއް ދާއިރާތައް އޮތުމުން އެއީ ވިސްނުންހުރިކަމެއްކަމަށެވެ.

ޕީޕީއެމުން ވަނީ ޕްރައިމަރީއަކާ ނުލާ 42 ދާއިރާއަކަށް ވާދަކުރާނެ ފަރާތްތަކަށް އެ ޕާޓީގެ ޓިކެޓް ދީފައެވެ. އަދި ކުރިއަށްއޮތްތަނުގައި އިޢުލާންކުރާނީ ޕްރައިމަރީ ބާއްވާނެ ދާއިރާތައްކަމަށް ޕީޕީއެމްގެ ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

މިރޭވެސް މި އިޢުލާންކުރި ނަންފުޅުތަކުގެ ތެރެއިން އިވިވަޑައިނުގަންނަވާ ނޫންތޯ އަޅުގަނޑުގެ ނަމެއް. އެހެވީމަ އަދިވެސް ޝައުޤުވެރިކަމާއެކު މަޑުކޮށްލައްވާ. އަދި އަޅުގަނޑު ގޮތެއް ނުނިންމަން... އަދިވެސް ކުރިއަށް ބައެއް ދާއިރާތައްވެސް ހުރުމާއެކު ވިސްނުންވެސް ހުރިކަމެއް. އަދި މާ ލަސްތަކެއްނުވެ ކުރިއަށް އޮތްތަނުގައި އަޅުގަނޑުވެސް ގޮތްތަކެއް ނިންމަންޖެހޭ ކަމެއް ދެއްތޯ." ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މަޖިލީހަށް ކުރިމަތިލައްވާނެކަމުގެ އިޝާރާތެއް ކުރައްވާފައިވާއިރު، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝިދުވެސް ވަނީ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާނެކަން އިޢުލާންކުރައްވާ، ކެމްޕެއިންވެސް ފަށްޓަވާފައެވެ. މީގެ އިތުރުން ކުރީގެ ސަރުކާރުތަކުގައި މިނިސްޓަރުކަމާއި، އެނޫންވެސް މަތީ މަޤާމުތައް ފުރުއްވާފައިވާ ފަރާތްތަކުން އަންނަނީ މަޖިލީހުގެ އިންތިޚާބުގައި ވާއްދަކުރައްވާނެކަމުގެ ޝަޢުޤުވެރިކަން ހާމަކުރައްވަމުންނެވެ.