ކުޅިވަރު

އެސްޕެކްޓް ނައިފަރު ޗެންޕިއަންޝިޕްގެ ޗެންޕިއަންކަން ސޮކަރ ސްޓާރސް ހޯދާއިފި

ޅ.ނައިފަރުގައި ކުރިޔަށްގެންދިޔަ އެސްޕެކްޓް ނައިފަރު ޗެންޕިއަންޝިޕްގެ ޗެންޕިއަންކަން ސޮކަރ ސްޓާރސް ހޯދާއިފިއެވެ.

މިއަދު ހަވީރު ނައިފަރު ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މުބާރާތުގެ ފައިނަލް މެޗުގައި ސޮކަރ ސްޓާރސް ނުކުތީ ބަޒޫކާ ސޮކަރ ޓީމާ ދެކޮޅަށެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެކެއް އެކަކުން ދެ ޓީމުވެސް އެއްވަރުވެފައި އޮތުމުން ޗެންޕިއަން ޓީމު ކަނޑައެޅީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ބަޒޫކާ ސޮކަރ ޓީމްގެ މައްޗަށް ސޮކަރ ސްޓާރސް ކުރި ހޯދީ ހަ ލަނޑު ފަސް ލަނޑުންނެވެ.

މުބާރާތުގެ ފައިނަލް މެޗު ނިމުމުން ވަނަވަނައަށް ދިޔަ ފަރާތްތަކަށް ތައްޓާއި މެޑަލް ވަނީ ހަވާލުކޮށްފައެވެ. އެގޮތުން މި މުބާރާތުގެ އެންމެ މޮޅު ގޯލް ކީޕަރުގެ މަޤާމް ބަޒޫކާ ސޮކަރ ޓީމުގެ ޢަބްދުﷲ ޒަމީލް ޢަބްދުއް ލަޠީފް ހޯދި އިރު، މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރުގެ މަޤާމް ހޯދީ ސޮކަރ ސްޓާރސްގެ އަޙްމަދު އަވީން މުޙައްމަދެވެ. މުބާރާތުގެ އެންމެ މޮޅު މިޑްފިލްޑަރުގެ މަޤާމް ނައިފަރު ޗެލްސީ އެފްސީގެ ޙަމްދާން ޞާލިޙް ހޯދި އިރު، އެންމެ މޮޅު ސްޓްރައިކަރުގެ މަޤާމްވެސް ހޯދީ ހަމަ އެޓީމުގެ މުޙައްމަދު ޒަމީރެވެ. މުބާރާތުގެ ފެއަރ ޕްލޭ ކުޅުންތެރިއަކަށް ޖީޖީ ޓީމުގެ އަކްރަމް ޢަބްދުލް ޢަނީ ހޮވުނު އިރު ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ އެފް.ސީ އެކްސިސްއެވެ.

މި މުބާރާތުގައި ހަ ގޯލު ޖަހައިގެން ޓޮޕް ސްކޯރާގެ މަޤާމް ޖީޖީ ޓީމުގެ ޔޫސުފް ޢަލީ ހޯދިއިރު، އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ ސޮކަރ ސްޓަރސްގެ ހުސައިން ފައިޞަލްއެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ސޮކަރސްޓަރގެ އާދަމް އަސްފާނެވެ.

މި މުބާރާތަކީ ނައިފަރުގެ އިކޯ ޔޫތް އިން އިންތިޒާމްކޮށްގެން މިދިޔަ މަހުގެ ތޭވީހުން ފެށީގެން މިއަަދުގެ ނިޔަލަށް ކުރިޔަށްގެންދިޔަ މުބާރާތެކެވެ. މި މުބާރާތުގައި ނައިފަރުގެ ހަތް ޓީމަކުން ވަނީ ބައިވެރިވެފައެވެ.

މުބާރާތް އިންތިޒާމުކުރާ ނައިފަރުގެ އީކޯޔޫތުން ބުނީ މި މުބާރާތް ބޭއްވުމުގެ މަޤުސަދަކީ ފުޓްބޯޅައިގެ ފޯރި ނައިފަރުގައި އިތުރުކޮށް، ވާދަވެރި މާހައުލެއްގައި ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން، ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ކުޅުންތެރިން ނައިފަރުގެ ފަސްގަނޑުން އުފެއްދުން ކަމަށެވެ.