ޚަބަރު

ކޮމިޝަންތަކަށް ޤާނޫނީ ގޮތުން ބޮޑެތި ބާރުތަކެއް ދީފި ނަމަ ކޯޓަށް ދާނަން - ރައީސް ޔާމީން


ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު އުފައްދަވާފައިވާ ރިޔާސީ ދެ ކޮމިޝަނަށް ޤާނޫނީ ގޮތުން ބޮޑެތި ބާރުތަކެއް ދީފި ކަމަށްވާނަމަ ސުޕްރީމް ކޯޓަށް ދާނެ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިޚާބުގެ ޓިކެޓު ދިނުމަށް ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ޤާނޫނީ ގޮތުން ރިޔާސީ ކޮމިޝަނަކަށް އެފަދަ ބޮޑެތި ބާރުތަކެއް ދިނުމަކީ އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން މިހާރު މަޖިލީހަށް ފޮނުވާފައިވާ "ދަޢުލަތުގެ ފައިސާ އާއި މުދަލަށް ޚިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ" ބިލު އޮތް ގޮތަށް އެއްވެސް އުނި އިތުރެއް ނުވަތަ މިހާރު އޮތް ވަރަށްވުރެވެސް ބޮޑެތި ބާރުތަކެއް އެ ކޮމިޝަންތަކަށް ދީގެން ބިލް ފާސްކޮށްފި ނަމަ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވާނެ ކަމަށް ރައީސް ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ޤާނޫނޫ އަސާސީން ބާރުލިބިފައިވާ މުއައްސަސާތަކަށް ލިބިދީފައިވާ ބާރުތައް ރައީސް އުފައްދަވާ ކޮމީޝަނަށް ދިނުމަކީ ތަހްޤީޤީ އިދާރާތަކުގެ ނުކުޅެދުންތެރިކަން ދެއްކުންކމަށެވެ. ތަޙްޤީޤީ ބާރުތަކަކީ ރައީސްއަށް ލިބިގެންވާ ބާރެއްނޫންކަން ހަމަކޮށްދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، ޤާނޫނޫ އަސާސީގެ 115 މާއްދާގެ ދަށުން ރައީސްއަށް ލިބިފައިވާ ބާރުތަކަކީ އެފަދަ ކޮމިޝަން އުފެއްދުމަށް ދީފައިވާ ބާރުތަކެއް ނޫންކަމަށެވެ.

"އެއީ ކަންކަން ހިނގާ ދިޔާމަ ކަންކަން އެސެސްކުރަން އުފައްދާ ކޮމިޝަންތަކެއް ރައީސްގެ ބާރުގެ ދަށުން އުފައްދަން ޤާނޫނު އަސާސީގައި ބާރުލިބެނީ. އެ ކޮމިޝަނުން ރައީސްއަށް އަރުވާ ރިޕޯޓުން ރައީސް ހިންގަވަންވާނީ ޤާނޫނު އަސާސީން އުފައްދާފައިވާ މުއައްސަސާތަކުގެ ތެރެއިން. މިއީ އެކަހަލަ ކޮމިޝަނެއް ނޫން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޤާނޫނީ ބާރު ދެއްވައިގެން ނެރުއްވަން އެ އުޅުއްވަނީ. މިއީ ޤާނޫނު އަސާސީން އެއްގޮތަކަށްވެސް މިފަދަ ކޮމީޝަނަށް ބާރު ދެއްވައިގެން ކުރެވޭނެކަމެއްނޫން. އެ ބިލުގައި ހުރީ ސީދާ ޖުޑީޝަރީގެ ބާރުގެ ދަށުގައި ހުންނަކަންކަން." ކުރީގެ ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ކޯޓަށް އެމައްސަލަ ހުށައެޅުއްވުމަށްފަހު، އެ ކޮމިޝަނަށް ބާރުތައް ދިނުން ރަނގަޅުކަމަށް ސުޕްރީމްކޯޓުން ކަނޑައަޅުއްވައިފިނަމަ އެކޮމިޝަނަށް އެއްބާރުލުން ދެއްވާނެކަމަށެވެ. ދައުލަތުން ގެއްލިފައިވާ ފައިސާއާއި ގޮތްނޭނގޭ މަރުތައް ތަޙްޤީޤކުރުމަށް ރައިސް އުފައްދަވާފައިވާ ދެ ކޮމީޫޝަނަށް ޤާނޫނީ ބާރު ދިނުމަށް މިހާރު މަޖިލީހަށް ހުށައަލާފައިވާ، "ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލް " މިވަގުތު އޮތީ ދިރާސާކުރުމަށް ކޮމިޓީ މަރުހަލާގައެވެ.

މި ބިލް މަޖިލީހަށް ހުށައެޅުމުން ކައުންސިލަރ ޖެނެރަލް މަޖިލީހުގެ ރައީސަށް ދެއްވާފައިވާ ލަފާފުޅުގައިވެސް ވަނީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް ބޮޑެތި ބާރުތަކެއް ދީފައި އޮތްއިރު ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނު އަސާސީން ލިބިދޭ ބާރެއްގެ ދަށުން އުފައްދާ ކޮމިޝަނަކަށް ބާރު ދިނުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ފިލްޒާ ވިދާޅުވީ ބިލު މިހާރު އޮތް ގޮތުން ފުލުހުންނާއި އޭސީސީގެ ބާރު ވަރަށް ބޮޑަށް ހަނިވާ ކަމަށެވެ. އަދި މަރާލެވިފައިވާ މީހުންނާއި ގެއްލުވާލެވިފައިވާ މީހުންގެ މައްސަލަތަކާއި ވައްކަމާއި ކޮރަޕްޝަންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ މައްޗަށް ފުލުހުންނަށްވެސް އަދި އޭސީސީއަށް ބިލު މިހާރު އޮތް ގޮތުން އެއްވެސް ބާރެއް ނުފޯރުވޭ ކަމަށް ކައުންސިލަރ ޖެނެރަލް ވިދާޅުވެފައިވެއެވެ.

ރިޔާސީ ކޮމިޝަނަށް ލިބިދޭ ބަރުތަކުގެ ތެރޭގައި މީހުން ހިފާ ހައްޔަރުކުރުމަށް ކޯޓު ޢަމުރަށް އެދުމާއި، ފުލުހުންގެ މުއައްސަސާގެ މަޢުލޫމާތު ހޯދުމުގެ ބާރާއި، ބޭންކު އެކައުންޓް ފްރީޒްކުރުންފަދަ ބާރުތައް ހިމެނޭ. އަދި އްޖޭން ބޭރުގެ އިންވެސްޓިގޭޓަރުން ގެނައުމުގެ ބާރުވެސް މި ބިލްގައި ދެ ކޮމިޝަނަށް ލިބިދޭ ބާރުތަކުގައިި ބަޔާންކޮށްފައިވެއެވެ.