ޚަބަރު

ބޮޑެތި މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަކީ އަމާޒެއް - ނާއިބު ރައީސް


ރައްޔިތުންނަށް ދިމާވާ ބޮޑެތި ހުރިހާ މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު މާލެއަށްކުރި ވިއްސާރައިގައި މާލޭގައި ފެންބޮޑުވުމާ ގުޅިގެން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތައް ކުރިއަދާ ގޮތް ބައްލަވާލެއްވުމަށް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރަށް ވަޑައިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ މާލޭގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ މަސައްކަތް ސަރުކާރުގެ ދުރުރާސްތާ ޕްލޭންގެ ދަށުން ވަރަށް އަވަހަށް ފައްޓަވާނެކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވާ އެކި މައްސަލަތައް ޙައްލު ކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މާލޭގައި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން ސަރުކާރުގެ އިތުރުން އަމިއްލަ ފަރާތްތަކުންވެސް އެހީތެރިވެފައިވާކަން ފާހަގަކުރައްވައި ނާއިބުރައީސް ފައިޞަލް ނަސީމް ވިދާޅުވީ މިފަދަ ކަންތައްތަކުގައި މިހާރެކޭ އެއްގޮތަށް ކުރިއަށްއޮތްތާނގައިވެސް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށެވެ.

"އިއްޔެ ދިމާވި ހާދިސާތަކުގައިވެސް ވަރަށް ގިނަ ތަންތަނުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޮރުކޮށްދެމުންދޭ. މި ކަމުން ދައްކުވައިދެނީ ދިވެހި ރަށްޔިތުންގެ އެއްބައިވަންތަކަން. ޤައުމަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އެހީވުމަށް ރަށްޔިތުން ތައްޔާރަށް ތިބިކަން ފާހަގަވެގެން ހިނގައްޖެ." ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވީ މިހާރު މި ހާދިސާ އާއްމުހާލަތަކަށް ގެނެވިފައިވާކަމަށާއި، އެކި ގެއްލުންތައް ވެފައިވާ ގެތަކުގެ މައުލޫމާތު އެއްކުރަމުން ދާކަން ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، އިއްޔެ ދިމާވި ހާދިސާގައި ފެނިގެން ދިޔައީ އާންމު ރައްޔިތުންނާއި، ސަރުކާރާއި، މަދަނީ ޖަމިއްޔާތަކާއި، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރގެ ފަރާތުން ގުޅިގެން ގިނަގުނަ މަސައްކަތްތަކެއްކޮށް، މިކަމުން އަރައިގަތުމަށް މަސައްކަތްކުރި މަންޒަރުކަން ފާހަގަކުރެއްވިއެވެ.