ކުޅިވަރު

ބ.ދޮންފަނު އިންވިޓޭޝަން ކަޕް: ގްރޫޕް އޭ އިން އޭދަފުއްޓާއި ދޮންފަނު ސެމީއަށް


ހަނި ތަފާތަކުން ބ.މާޅޮސް ބަލިކޮށް ދޮންފަނު އިންވިޓޭޝަން ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ބ.އޭދަފުށި ޖާގަ ހޯދައިފިއެވެ.

އޭދަފުށީގެ އިތުރުން މުބާރާތް ބާއްވާ ދޮންފަނަށްވެސް މިހާރު ވަނީ ސެމީ ފައިނަލުން ޖާގައެއް ޔަގީންވެފައެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އޭދަފުއްޓާއި ދޮންފަނު ކުޅުނު ދެ މެޗުވެސް ވަނީ ކާމިޔާބުކޮށްފައެވެ. މިއަދު ހަވީރު އޭދަފުއްޓާއި މާޅޮސް ވާދަކުރި މެޗުގައި އޭދަފުށިން ޖެހި ފުރަތަމަ ދެ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި އިބްރާހިމް ޝަރީފެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދޭއް ސުމެއްގެ ނަތީޖާއަކުން އޭދަފުށި ކުރީގައި އޮވެގެންނެވެ.

މި މެޗުގެ ދެވަނަ ހާފު ފެށިތާ ކުޑައިރުކޮޅެއްގެތެރޭގައި އޭދަފުށިގެ އަލީ ނަސީމް ވަނީ އޭދަފުށީގެ ތިން ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. އޭދަފުށިން ތިން ވަނަ ލަނޑު ޖެހިތާ މިނެޓެއް ފަހުން މާޅޮސް ޓީމުގެ މުހައްމަދު އަމީމް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މާޅޮހުން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ ފަންސާސް ހަތްވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ، އަހުމަދު ހިސާނެވެ.

މި މުބާރާތުގެ ގްރޫޕް އޭގެ އެއްވަނަ ލިބޭނީ އަންނަ އާދިއްތަ ދުވަހު އޭދަފުއްޓާއި ދޮންފަނު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށެވެ. ގްރޫޕް އޭއިން އެއްވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދަތުރުކުރާ ޓީމެއް ސެމީގައި ބައްދަލުކުރާނީ ގްރޫޕް ބީގެ ދެވަނަ ޓީމާއެވެ. އަދި ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ އަށް ދަތުރުކުރާ ޓީމު ސެމީގައި ނުކުންނާނީ ގްރޫޕް ބީގެ އެއްވަނަ ޓީމާއި ދެކޮޅަށެވެ.

މި މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ މަހުގެ ސާދަ އަދި ފަނަރަ ވަނަ ދުވަހުއެވެ.