ޚަބަރު

ސިޔާސީ ދައުވާކޮށްފައިވާ ފަރާތްތަކުން ޝަކުވާ ފޯމް ރައީސް އޮފީހަށް ހުށަހެޅުމަށް އެދިއްޖެ


އެކެއް ފެބްރުއަރީ 2012 ގެ ފަހުން، ސިޔާސީ މަޤުޞަދެއް ހާސިލުކުރުމަށްޓަކައި ބަންދުކުރެވި، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން އެކިއެކި ފިޔަވަޅު އެޅިފައިވާ ފަރާތްތަކާއި، ޙުކުމްތައް ކުރެވި އެ ޙުކުމްތައް ތަންފީޛުކުރަންމުންދާ ފަރާތްތަކުން، ޝަކުވާ ހުށައެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވައިލައްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެފަދަ މައްސަލަތަކާއި ގުޅޭ އެންމެހައި ލިޔެކިޔުންތަކާއެކު ރައީސް އޮފީހަށް މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ޝަކުވާ ހުށައެޅުއްވުމަށް ވަނީ ހަމަޖައްސަވާފައިވާ ކަމަށެވެ.

ސިޔާސީ ހައްޔަރީންގެ މައްސަލަތައް ބަލައި، ނުޙައްޤުން ބަންދުކޮށްފައިވާ ފަރާތްތައް މިނިވަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރަހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން، [ސިޔާސީ ހައްޔަރީން މިނިވަންކުރުމާ ބެހޭ ކޮމިޓީ] އުފައްދަވައި، އެމަނިކުފާނު މަޤާމާ ޙަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހު ވަނީ އެ މަސައްކަތްޕުޅުވެސް ފައްޓަވާފައެވެ.

ސިޔާސީ ދައުވާކޮށްފައިވާ ފަރާތްތަކުން ޝަކުވާ ފޯމް ރައީސް އޮފީހަށް ހުށައެޅުމަށް ރައީސް އޮފީހުން އެދިފައިވާއިރު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ސިޔާސީ ސަބަބަކަށްޓަކައި ވަޒީފާއިން ވަކިކޮށްފައިވާ، ނުވަތަ ނުޙައްޤުން ފިޔަވަޅު އަޅައިފައިވާ މުވައްޒަފުން، އެފަދަ ޝަކުވާތައް ހުށަހެޅުމަށްވެސް ރައީސް އޮފީހުން ވަނީ ފުރުޞަތު ހުޅުވާލައިފައެވެ.