ޚަބަރު

ފެންބޮޑުވެގެން ގެއްލުންވި އާއިލާތަކަށް މަޓީއާއި ސީޖީޓީވެސް އެހީދީފި


އިއްޔެ މާލެއަށް ވާރޭވެހި ހިނގި ފެންބޮޑުވުމުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީއާއި އަމިއްލަ ކުންފުންޏެއްކަމަށްވާ ސީޖީޓީން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ނެޝެނަލް ޑިސާސްޓަރ މެނޭޖްމަންޓް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި، މި ފައިސާގެ މި އެހީއާ ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. އެހީގެ ގޮތުގައި މަޓީގެ ފަރާތުން ހަދިޔާކޮށްފައިވަނީ ދެ ލައްކަ ފަންސާސް ހާސް ރުފިޔާއެވެ. އަދި ސީޖީޓީގެ ފަރާތުން ހަދިޔާކޮށްފައިވަނީ ހަތަރު ލައްކަ ރުފިޔާއެވެ.

މަޓީ އާއި ސީޖީޓީގެ ފަރާތުން ހަދިޔާކުރި ފައިސާގެ ޗެކާއި ހަވާލުވެވަޑައިގަތުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ މާރިޔާ ވަނީ ގުދުރަތީ ހާދިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، އަމިއްލަ ކުންފުނިތަކުގެ އިތުރުން ހެޔޮ އެދޭ ފަރާތްތަކުން ފޯރުކޮށްދޭ މިފަދަ އެހީތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިފަދަ އެހީތަކުން ކުރާ ޚަރަދާއި ފޯރުކޮށްދޭ އެހީ، އެއީ ހާމަކަން ބޮޑުގޮތެއްގައި އާއްމުންނަށް އިނގެންޖެހޭ މަޢުލޫމާތުތަކެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި އަބަދުވެސް ތައްޔާރަށް ތިބިކަން މަޓީ އާއި ސީޖީޓީގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅުން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވަނީ އިއްޔެގެ ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން މަގުތަކުން ފެން ހިންދުމަށާއި، އެކިވަރުގެ ގެއްލުން ލިބުން ފަރާތްތަކަށް އެހީތެރިވުމުގައި ހަރަކާތްތެރިވި ސިފައިންނާއި، ފުލުހުންގެ އިތުރުން ދަރުމަވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.