ޚަބަރު

އަންނަ އަހަރު ޅެންވެރިންގެ ދުވަސް ފާހަގަކުރަނީ އިނގުރައިދޫގައި


2019 ވަނަ އަހަރުގެ ޅެންވެރިންގެ ދުވަސް ރ. އިނގުރައިދޫގައި ފާހަގަކުރުމަށް ދިވެހި ބަހުގެ އެކެޑަމީން ނިންމައިފިއެވެ.

ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ ކޮންމެ އަހަރަކު ޖެނުއަރީ 15 ވަނަ ދުވަހު ފާހަގަކުރަމުން އަންނަ ޤައުމީ ޅެންވެރިންގެ ދުވަސް މިފަހަރުވެސް ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވާކަމަށެވެ. އެގޮތުން 2019 ވަނަ އަހަރުގެ ޅެންވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ނިންމާފައިވަނީ ރ. އިނގުރައިދޫގައި ކަމަށާއި، ޅެންވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ 18 ޖެނުއަރީ 2018 ވާ ހުކުރު ދުވަހުކަމަށް އަޝްރަފް ވިދާޅުވިއެވެ.

ރ. އިނގުރައިދޫ އަކީ މަޝްހޫރު ޝާއިރެއްކަމަށްވާ ޔޫސުފް މުޙައްމަދުފުޅުގެ އުފަންރަށެވެ. ދިވެހިބަހުގެ އެކެޑަމީގެ ރައީސް ވިދާޅުވީ 2019 ވަނަ އަހަރުގެ ޅެންވެރިންގެ ދުވަސް އިނގުރައިދޫގައި ފާހަގަކުރުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވާން ފަށާފައިވާކަމަށެވެ. އެގޮތުން އިނގުރައިދޫ ކައުންސިލާއި، އެރަށުގެ ޢާންމު ރައްޔިތުންނާއި، ބަހުގެއެކެޑަމީ ގުޅިގެން މި ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ތައްޔާރުވަމުންދާކަމަށް އަޝްރަފް ވިދާޅުވިއެވެ.

ޅެންވެރިންގެ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 1989 ވަނަ އަހަރުއެވެ.