ޚަބަރު

ހެލްތް މިނިސްޓަރ އައްޑޫ ސިޓީއަށް ވަޑައިގެންފި


ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން އައްޑޫ ސިޓީގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ހާލަތު ބައްލަވާލެއްވުމަށް އެ ސިޓީއަށް ވަޑައިގެންފިއެވެ.

މިނިސްޓަރގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީ ހިތަދޫގައި ރީޖަނަލް ހޮސްޕިޓަލަށާއި އައްޑޫ ސިޓީގައި ތަރައްޤީކުރަމުންދާ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ހަމަޖެހިފައިވާކަމަށް ހެލްތް މިނިސްޓްރީން މަޢުލޫމާތުދެއެވެ. އަދި އައްޑޫ ސިޓީގެ އެކި ރަށްރަށުގައި ޤާއިމްކޮށްފައިހުރި ސިއްޙީ މަރުކަޒުތަކުގެ ހާލަތު ބައްލަވާލެއްވުމަށް އެ ތަންތަނަށް ޒިޔާރަތްކުރައްވައި، އެތަންތަނުގެ އިސް ފަރާތްތަކާއި މުވައްޒަފުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަކަމަށްވެސް ހެލްތް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

މިނިސްޓަރގެ މި ދަތުރުފުޅުގައި، ރަށްރަށުގެ ސިއްޙީ ނިޒާމް މިހާރަށްވުރެ ހަރުދަނާކޮށް ކައުންސިލްތަކާ ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރައްވާނެއެވެ. އެގޮތުން މިހާރު ހުރި ދަތިތައް އޮޅުންފިލުވައި އެކަންކަން ހައްލު ކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލާއެކު މަޝްވަރާކުރައްވާނެކަމަށްވެސް ހެލްތް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރާއްޖޭގެ ސިއްޙީ ނިޒާމް ހަރުދަނާކުރުމަށް ގިނަ ކަންތައްތަކެއް ކަނޑައަޅާފައިވާކަން ފާހަގަކޮށްލެވެއެވެ.