ދީން

"މުންނާރު ޓިވީ"ގެ ހިންގުން ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި


ޕީ.އެސް.އެމްގެ ދީނީ ޓީވީ ޗެނަލް "މުންނާރު ޓީވީ"ގެ ހިންގުން މިހާރަށްވުރެ ހަރުދަނާކުރުމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީއާއި، ޕީ.އެސް.އެމްގެ އިސްވެރިން މަޝްވަރާކޮށްފިއެވެ.

މިކަމާގުޅޭގޮތުން އިސްލާމިކް މިނިސްޓްރީގައި ކުރިއަށްދިޔަ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރާއި، ޕީ.އެސް.އެމްގެ މެނޭޖްމަންޓްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި މުންނާރު ޓީވީން ގެނެސްދޭ ކޮންޓެންޓްތައް މިހާރަށްވުރެ މުއްސަނދިކޮށް، އިތުރު ޕްރޮގްރާމްތައް އުފެއްދުމާއި، މުންނާރު ޓީވީގެ ޕްރޮޑަކްޝަންގެ ކަންކަން މިހާރަށްވުރެ ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މުންނާރު ޓީވީއަކީ ދިވެހިންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި އިސްލާމިކް މިނިސްޓްރީއާއި، ޕީ.އެސް.އެމްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އިފްތިތާޙުކުރި ޓީވީ ޗެނަލެކެވެ.

މި ޗެނަލް މެދުވެރިކޮށް އެކި އުމުރުފުރާގެ މީހުންނަށް ޚާއްޞަކޮށްގެން ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމަށް ތަފާތު ޕްރޮގްރާމްތަކެއް މިހާރުވެސް އަންނަނީ ގެނެސްދެމުންނެވެ. އަދި އިސްލާމިކް މިނިސްޓްރީން އިންތިޒާމްކުރާ ތަފާތު ދަރުސްތަކާއި، އެކި ކަހަލަ ހަރަކާތްތަކުގެ ޓީވީ ކަވަރޭޖްވެސް މި ޗެނަލް މެދުވެރިކޮށް އާންމުންނާ ހަމައަށް ދަނީ ގެނެސްދެމުންނެވެ. މީގެއިތުރުން ޢަރަބި އިސްލާމީ ޤައުމުތަކުގެ ޓީވީ ޗެނަލްތަކުގެ ދީނީ ޕްރޮގްރާމްތައް ހޯދައި، މި ޗެނަލް ތަރައްޤީކުރުމަށްޓަކާ ބޭރުގެ އިސްލާމީ ޤައުމުތަކުގެ އެހީތެރިކަން ހޯދަމުން އަންނަކަށްވެސް ފާހަގަކޮށްލެވެއެވެ.