ޚަބަރު

ވިއްސާރައިގައި ގެއްލުންވި 99 ގޭގެ އެސެސްމަންޓް ހަދައިފި


މާލެއަށް އިއްޔެ ކުރި ވިއްސާރައިގައި ގެއްލުންވި 99 ގޭގެ އެސެސްމަންޓް ހަދާފައިވާ ކަމަށް ނޭޝަނަލް ޑިޒާރސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެފިއެވެ.

ވިއްސާރައިގައި ލިބުނު ގެއްލުންތައް ދެނެގަތުމަށް ހަ ޓީމަކުން ރޭ މާލޭގައި ޙަރަކާތްތެރިވެފައިވެއެވެ. އެގޮތުން ގެއްލުން ލިބުނު 99 ގޭގެ އެސެސްމަންޓް ހަދާ މިހާރު އެނެލައިޒްކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެއެވެ.

އެސެންޓަރުން ބުނީ، ޖުމްލަ 117 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ވިއްސާރައިގެ ލިބުނު ގެއްލުމާއި ގުޅިގެން މިވަގުތު އެސެންޓަރުގެ ބެލުމުގެ ދަށުގައި ދެ ގޭއްގެ ދެ އާއިލާއެއްގެ 20 މީހަކު އެބަތިބި ކަމަށާއި އެމީހުންގެ ތިބުމުގެ އިންތިޒާމު ގެސްޓް ހައުސްތަކުގައި ހަމަޖައްސާފައިވާ ކަމަށެވެ.

ވިއްސާރެވެ ފެންބޮޑުވުމާއި ގުޅިގެން ކަރަންޓުގެ އެކި މައްސަލަތައް ދިމާވި 160 ގެއެއްގެ މައްސަލަ ސްޓެލްކޯއިން ޙައްލުކޮށްދީފައިވާ ކަމަށްވެސް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެއެވެ. މާލެއަށް ކުރި ވިއްސާރައިގައި މަގުތަކުގައި ފެންބޮޑުގެ ބައެއް ގެތަކަށް ފެންވަދެފައިވާއިރު، މަގުތަކުގައި ބޮޑުވި ފެންގަނޑު ހިއްކާލެވުނީ ރޭ މެންދަމު 12:49 ހާއިރުކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެއެވެ. އަދި ގެތަކުން ފެން ހިއްކާ ނިމުނީ ގާތްގަނޑަކަށް ރޭ މެންދަމު 1:45 ހާއިރުކަމަށްވެސް އެ ސެންޓަރުން ބުނެއެވެ.