ވިޔަފާރި

ކާރިސާގެ ވަގުތުގައި ދިވެހި ކުންފުނިތަކުގެ ދީލަތި އެހީ


ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތަށް ރާއްޖޭގެ އެކި ކުންފުނިތަކުން އެހީތެރިވާން ފަށައިފިއެވެ.

މާލޭގައި ފެންބޮޑުވެ ލިބުނު ގެއްލުންތަކުގެ ސަބަބުން މިހާރުވެސް ދެއާއިލާއެއްގެ މީހުން، ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ޤާއިމްކޮށްފައިވާ ވަގުތީ ހިޔާއަށް ވަނީ ބަދަލުކޮށްފައެވެ. މި ފަރާތްތަކަށާއި މި ހާދިސާގައި ގެއްލުންލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރާއި، އެމްއެންޑީއެފާއި ފުލުހުން ކުރަމުންދާ މި މަސައްކަތަށް އެހީވުމަށް ރާއްޖޭގެ އަމިއްލަ ކުންފުނިތަކުންނާއި އެކި ޖަމްޢިއްޔަ ޖަމާއަތްތަކުން ދަނީ ޙަރަކާތްތެރިވަމުންނެވެ.

އެގޮތުން ހާލުގައިޖެހިފައިވާ މީހުންނަށް އެހީތެރިވުމަށްޓަކައި އެސްޓީއޯއިން އެކި ބާވަތުގެ ކާނާ ފޯރުކޯށްދެމުންދާއިރު މާލޭގެ މަގުތަކުގެ ފެން ހިންދުމަށްޓަކައި އެލިއާ ކޮންސްޓްރަކްޝަނާއި، އަމީން ކޮންސްޓްރަކްޝަނާއި އަދި މީގެ އިތުރުންވެސް، އަމިއްލަ ބައެއް ފަރާތްތަކުން ވަނީ އެމްއެންޑީއެފަށް ފެން ޕަމްޕްތަކެއްވެސް ހަދިޔާކޮށްފައެވެ.

މީގެއިތުރުން ސްޓެލްކޯ، ސިފްކޯ، ކަސްޓަމްސް އަދި ފުލުހުން ދަނީ ގެތަކަށް ފެން ވަނަ ނުދިނުމަށް ވެލި ބަސްތާތައް ޖެހުމަށް އެމްއެންޑީއެފާއެކު ޙަރަކާތްތެރިވަމުންނެވެ. އަދި ރާއްޖޭގައި މުއާސަލާތީ ޚިދުމަތްދޭ ދެ ކުންފުނި ކަމަށްވާ ދިރާގާއި އުރީދޫއިންވެސް ދަނީ މި ހާދިސާގައި ގެއްލުންލިބުނު ފަރާތްތަކަށް އެހީތެރިވެދިނުމަށް މަސައްކަތްކުރަމުންނެވެ.

އެގޮތުން ދިރާގުން ވަނީ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް ދެލައްކަ ރުފިޔާ ހަދިޔާކޮށްފައެވެ. އަދި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ގުޅުމަށް އެ ސެންޓަރުގައި ޤާއިމްކޮށްފައިވާ ހޮޓްލައިން 115 އަށް ގުޅުމުގައި ދިމާވާ ޓެކްނިކަލް މައްސަލަތައް ހައްލުކޮށް ހޮޓްލައިންގެ ލޯޑް ކުޑަކުރުމަށްޓަކައި ތިން ލައިންވެސް ވަނީ އިތުރުކޮށްދީފައެވެ.

މީގެއިތުރުން އުރީދޫ މޯލްޑިވްސްއިން ވަނީ މާލޭގެ މަގުތަކުގައި ފެންހިންދުމަށާއި އާންމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޙަރަކާތްތެރިވާ ސިފައިން ބޭނުންކުރުމަށް 50 ގަމްބޫޓް ހަދިޔާކޮށްފައެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެއްވަމުން ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުގެ ޕްރޮޖެކްޓް މެނޭޖަރ ހިސާން ޙަސަން ވިދާޅުވީ މިފަދަ ކާރިސާއެއް ދިމާވެގެންއުޅޭއިރު، ކުންފުނިތަކުން، އެކުންފުނިތަކުގެ ވަސީލަތްތަކާއި މީހުން ބޭނުންކޮށްގެން އެހީތެރިވަމުން ގެންދިއުމަކީ، އެއިދާރާއިން ވަރަށް އުފާވާ ކަމެއް ކަމަށެވެ.