ޚަބަރު

މާލޭގައި ފެންބޮޑުވި ހާދިސާ މިހާރު ކޮންޓްރޯލް ކުރެވިއްޖެ - އެމްއެންޑީއެފް


މާލޭގައި ފެންބޮޑުވި ހާދިސާ މިހާރު ކޮންޓްރޯލް ކުރެވިފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ، ފަޔަރ އެންޑް ރެސްކިއު ކޮމާންޑުގެ، ކޮމާންޑަރ ޢަބްދުﷲ ޒުހުރީ ވިދާޅުވީ، ހެނދުނުއްސުރެ ސިފައިން ކުރަމުންދިޔަ މަސައްކަތުން، މިހާރު މާލޭގެ މަގުތަކުގައި އާންމުންނަށް ހިނގާލެވޭވަރަށް ފެން ހިންދާލެވިފައިވާކަމަށެވެ. ކޮމާންޑަރ ޢަބްދުﷲ ޒުހުރީ މާލޭގެ ގިނަ މަގުތަކެއްގައި ފެންބޮޑުވެފައިވާއިރު، އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ އައިޖީއެމްއެޗް ސަރަހައްދުގައި ކަމަށެވެ.

"އެންމެ ބޮޑަށް ފެން ބޮޑުވީ އައިޖީއެމްއެޗް ސަރަހައްދުގައި، އެއީ 10 ވަރަކަށް އިންޗީގެ ފެން އެންމެ ފަހުން ބެލިއިރުވެސް ހުރި. ކުރިޔަށް މިއޮތް ބައިގަނޑިއިރެއްހާއިރު ތެރޭގައި ފެނުގެ ކަންތައްތައް އެކުގައިހެން ކޮންޓްރޯލްވެގެންދާނެ. އެހެންނަމަވެސް އަޅުގަނޑުމެންގެ މަސައްކަތް މިރޭ އެއްކޮށްވެސް ކުރިޔަށް ގެންދާނަން. މޫސުން ދައްކާގޮތުން މިރޭ އަދިވެސް ވާރޭ ވެހިދާނެ. އެހެންވީމަ އަޅުގަނޑުމެންގެ މަސައްކަތް ކުރިޔަށްދާނެ." ޒުހުރީ ވިދާޅުވިއެވެ.

ޒުހުރީ ވިދާޅުވީ ފެންބޮޑުވުމުގެ ސަބަބުން ދިމާވި ހާލަތު މިހާރު ކޮންޓްރޯލްކުރެވިފައިވާކަމަށާ، ރައްޔިތުން ހާސް ވާންޖެހޭވަރުގެ ހާލަތެއް މިހާރު ނެތްކަމަށެވެ. ނަމަވެސް ކުއްލި ހާލަތުގައި ދިމާވެދާނެ ކަމަކަށް އެމްއެންޑީއެފުން ތައްޔާރަށް ތިބިކަމަށެވެ. އެގޮތުން އިތުރަށް ފެންބޮޑުވެދާނެތީ އެކަމަށް ތައްޔާރަށް ތިބިކަމަށްވެސް ޒުހުރީ ވިދާޅުވިއެވެ.