ޚަބަރު

ރާއްޖެއިން ބޭރުގައި ދިވެހިން ކުރާ ހޭދައާ ގުޅޭ ދިރާސާ މިމަހު ކުރިއަށްދާނެ


ރާއްޖެއިން ބޭރުގައި ދިވެހިން ކުރާ ހޭދައާ ގުޅޭ ދިރާސާ މިއަހަރުވެސް ކުރިޔަށް ގެންދާނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމް.އެމް.އޭ.އިން ބުނެފިއެވެ.

އެމް.އެމް.އޭއިން ބުނީ ރާއްޖެއިން ބޭރުގައި ދިވެހި ކުރާ ހޭދައާ ގުޅޭ ދިރާސާއަކީ، ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓް ހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ ގޮތުން ރާއްޖެއިން ބޭރުން އަންނަ ދިވެހީންނަށް އަމާޒުކޮށްގެން އެމް.އެމް.އޭ.އިން ކޮންމެ އަހަރަކުވެސް ކުރަމުން އަންނަ ދިރާސާއެއްކަމަށެވެ.

މިއަހަރު ދިރާސާ ކުރިއަށްގެންދާނީ މިމަހުގެ 24 ވަނަ ދުވަހުން 30 ވަނަ ދުވަހުގެ ނިޔަލަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެރައިވަލް ހޯލުގައި ކަމަށް އެމްއެމްއޭއިން ބުނެއެވެ. މިދިރާސާގައި މައިގަނޑު ގޮތެއްގައި ނެގޭ މައުލޫމާތުތަކުގެ ތެރޭގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީން ދަތުރުކުރާ މަންޒިލް، ދަތުރުކުރާ ބޭނުން އަދި ހޭދަކުރާ މިންވަރު ހިމެނެއެވެ.

އެމް.އެމް.އޭއިން ބުނިގޮތުގައި ދިރާސާ ހިންގާ ދުވަސްކޮޅު އެއޮތޯރިޓީގެ މުވައްޒަފުން އެއަރޕޯޓުގެ އެރައިވަލް ހޯލުގައި ހަރަކާތްތެރިވާނެކަމަށެވެ. އަދި މިދިރާސާ ހެދުމަށްޓަކާއި މިމުއްދަތުގެ ތެރޭގައި ރާއްޖެއިން ބޭރުން އަންނަ ދިވެހިންގެ އެއްބާރުލުމަށް އެމް.އެމް.އޭ.އިން އެދިފައިވެއެވެ.