ޚަބަރު

ބަންގްލަދޭޝްގެ ސަފީރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި


ބަންގްލަދޭޝް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރިއަރ އެޑްމިރަލް އަޚްތަރު ޙަބީބު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި، ބަންގްލަދޭޝްގެ ސަފީރު ވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު، ދޭދޭ ގުޅުން ޤާއިމުކުރީއްސުރެ، ދެޤައުމުގެ ދެމެދުގައި ވަރަށް ގާތް އެކުވެރި ގުޅުމެއް އުފެދިފައިވާކަމަށާއި އެތައް އަހަރެއްވީ މިގުޅުމަކީ އިތުބާރާއި، އެއްބަޔަކު އަނެއްބަޔަކު ދެނެގަތުމުގެ މައްޗަށް ބަރޯސާވެފައިވާ ގުޅުމެއްކަން ފާހަގަކުރެއްވިއެވެ. އަދި މި ގުޅުން ކުރިޔަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިކުރަން ބޭނުންފުޅުވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ދެ ޤައުމަށް ފައިދާހުރި ކަންކަމުގައި ބަންގްލަދޭޝްގެ ސަރުކާރާއެކީ ރާއްޖެއިން ވަރަށް ގާތްކޮށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަންވެސް ރައީސް ވަނީ ބަންގްލަދޭޝްގެ ސަފީރަށް ދެއްވާފައެވެ. އަދި ބަންގްލަދޭޝްގެ ސަރުކާރުން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި ރައީސް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި، ވާހަކަފުޅުދައްކަވަމުން ބަންގްލަދޭޝްގެ ސަފީރު ވަނީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ހަވާލުވެވަޑައިގަތުމާއި ގުޅިގެން ރައީސް ޞާލިޙަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާބެހޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.