ޚަބަރު

ފަތުރުވެރިކަމުން ދިވެހިންނަށް ލިބޭ އިނާޔަތްތައް ބޮޑުކުރުމަށް މެންބަރުން ގޮވާލައްވައިފި


ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހިންނަށް ލިބޭ އިނާޔަތްތައް ބޮޑުކުރުމަށް މަޖިލީހުގެ ގިނަ މެންބަރުން ގޮވާލައްވައިފިއެވެ.

ޓޫރިޒަމް ޤާނޫނަށް އިޞްލާހު ގެނައުމުގެ ގޮތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު ހުށަހެޅުއްވި އިޞްލާހަށް ބަހުސް ކުރައްވަމުން ރިފާޢު ވިދާޅުވީ ރާއްޖޭގެ ރަށްތައް ދޫކުރެވިގެން ދަނީ ރައްޔިތުންނަށް ފައިދާހުރި ގޮތަކަށް ނޫން ކަމަށްބުނެ ރައްޔިތުން ޝަކުވާ ކުރަމުން އަންނަ ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙު ޓޫރިޒަމްގެ ޤާނޫނު މިހާރު އޮތް ގޮތާއި މެދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވާ ކަމަށް ރިފާޢުު ފާހަގަކުރެއްވިއެވެ.

"ގިނަ ރައްޔިތުންގެ ޝަކުވާއެއްގެ ގޮތުގައި އަބަދުވެސް އަޅުގަނޑުމެންނަށް އިވެމުން މި އަންނަނީ ރާއްޖޭގެ ރަށްތަކާއި ފަޅުތައް ޓުރިޒަމްގެ ބޭނުމަށް ފަހަކަށް އައިސް ދޫކުރެވެމުން މިދަނީ ރައްޔިތުންނަށް ފައިދާހުރިގޮތަށް ނޫން ގޮތްތަކަށް ކަމުގެ ޝަކުވާ. އަދި ރިޔާސީ އިންތިޚާބުގައި މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކެމްޕެއިންގެ ތެރޭގައި އެންމެ ވަރުގަދައަށް ރައީސް ޔާމީނާ ދެކޮޅަށް ދެކެވެމުންއައި ވާހަކައަށް ފާހަގަވީ ޓޫރިޒަމްގެ ޤާނޫނަށް ގެނައި އިސްލާހުން ރައްޔިތުންނަށް ގެއްލުންންވާކަމަށް އިސްލާހެއްގެ ގޮތުގައި ރައްޔިތުންނަށް ވިސްނައިދިނުން. އެ ނަތީޖާ ވަނީ 23 ސެޕްޓެމްބަރުގައި ހާމަވެގެންގޮސްފައި،" ރިފާޢު ވިދާޅުވިއެވެ.

ރިފާޢުގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވަޢުދުތައް އެމަނިކުފާނުފުއްދަވާނެ ކަމަށެވެ. އެމަނިކުފާނުގެ ވަޢުދުތައް ފުއްދުމަށް ޕީޕީއެމާއި ހަވާލުކޮށްފައި ނުވާނެކަމަށާއި، އެ ވަޢުދުތައް ފުއްދާނެ ތަރުތީބެއް އުސޫލެއް ޕީޕީއެމް މެންބަރުންނަށް އެނގިވަޑައިނުގަންވާނެ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ މިދިޔަ 5 އަހަރުތެރޭ ރައްޔިތުން ރޮއިރޮއިތިއްބާ ބޭޏުންހަގޮތަކަށް ބަދަލުކުރި ޤާނޫނުތައް. ވައްކަމާއި ކޮރަޕްޝަނަށް މަގުފަހިކުރުމަށް އެދުވަހު ފާސްކުރި ޤާނޫނުތައް މިއަދު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއް ބޯމަތިވީމާ ރައްޔިތުން ބޭޏުންވާގޮތް އެނގިއްޖޭކިޔާފަ ބެލުމެއް ކެހުމެއްނެތި އިޞްލާޙުތައް ހުށައަޅަމުންދާ މަންޒަރު." ރޮޒެއިނާ ވިދާޅުވިއެވެ.

މި އިޞްލާޙަށް ވާހަކަދެއްކެވި ގިނަ މެންބަރުން ވަނީ ފަތުރުވެރިކަމުގެ ސިނާއަތުން އާމްދަނީ ހޯދުމަށް ވިސްނާ އިޞްލާޙު ގެންނައިރު އެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނަށްވެސް އާމްދަނީ އިތުރުވާނެގޮތަށް ޤާނޫނު އިޞްލާޙުކުރުމަށް ގޮވާލާފައެވެ. އެ މެންބަރުން ވަނީ، ފަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ވަންނަ ސިނާއަތްކަމުގައި ވީނަމަވެސް، އެ ސިނާއަތުގައި މަސައްކަތްކުރާ ދިވެހިންނަށް އެކަށީގެންވާ އިނާޔަތާއި މުސާރަ ނުލިބޭކަން ފާހަގަކުރައްވާފައެވެ. އަދި ބިދޭސީ މުވައްޒަފުންނާއި، ދިވެހި މުވައްޒަފުންގެ ތަފާތުކުރުން އިންތިހާއަށް އޮތްކަމުގެ ކަންބޮޑުވުން މެންބަރުން ފާޅުކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް އަބަދު އިވޭ ޝަކުވާއަކީ ޓުއަރިޒަމް އިންޑަސްޓްރީގައި މަސައްކަތްކުރާ ދިވެހިންނަށް ލިބޭ އިނާޔަތްތައް ކުޑަކަމުގެ ޝަކުވާ. އެއަށް އަޅުގަނޑުމެން އެބަޖެހޭ ކޮންމެވެސް ވަރެއްގެ ބަދަލެއް ގެންނަނަން. މި ޤާނޫނުތަކުގެ ތެރެއިން އެބަޖެހޭ މިކަންކުރަން." ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވިއެވެ.

ގިނަ މެބްބަރުން ވަނީ،ޓޫރިޒަމް ޤާނޫނަށް ގެންނަ އިޞްލާޙުތަކަކީ، ހަމައެކަނި ދައުލަތަށް އާމްދަނީ އިތުރު ކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ހެދުމުގެ ބަދަލުގައި، ތަޢުލީމީ ޒުވާނުން މި ސިނާއަތަށް ނެރެވޭނެގޮތަށް އަދި އާމްދަނީ ދިވެހިންނަށް ބޮޑުވާނެގޮތަށް ޤާނޫނު އިޞްލާޙު ކުރުމަށް ވާހަކަ ދައްކަވާފައެވެ.

ޓޫރިޒަމާބެހޭ ޤާނޫނަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާއު އިޞްލަޙު ހުށައަޅުއްވާފައިވަނީ ބިޑުކުރުމަކާ ނުލާ ފަތުރުވެރިކަމގެ ބޭނުމަށް ފަޅުތަކާއި ރަށްތަށް ދޫކުރެވޭގޮތަށް އޮތް އޮތުން ބަދަލުކުރުމަށެވެ.

ޓޫރިޒަމްގެ ޤާނޫނަށް 2016 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުގެނައި އިޞްލާޙުގައިވަނީ ބިޑުކުރުމަކާނުލާ ފަތުރުވެރިކަމުގެ ބޭނުމަށް ރަށުގައި، ނުވަތަ ބިމުގައި، ނުވަތަ ފަޅުގައި ހިންގުމަށް ބޭނުންވާ މަޝްރޫޢެއްގެ ތަފްޞީލާއެކު، ހުށައެޅުމުން އެތަނެއް ދޫކުރެވޭނެކަމަށެވެ.

ޕީޕީއެމްގެ މެންބަރުންގެ ތާޢީދާއިއެކު ފާސްކޮށްފައިވާ މި އިޞްލާޙު ބާޠިލުކުރުމަށް، ޕީޕީއެމްގެ މެންބަރު ޢަބްދުﷲ ރިފާޢު ހުށައެޅުއްވީ އެ އިޞްލާޙުގެ ސަބަބުން ފަތުރުވެރިކަމަށް ގެއްލުންވާކަމަށް ބުނެ. ބިޑަކާނުލާ ރަށްތައް ދޫކުރުމުން އޭގެ ގެއްލުން ރައްޔިތުންނަށް ލިބެމުންއަންނަކަމަށާއި، އަދި އެ އުސޫލު ބަދަލުކުރައްވާން ރައީސް ޞާލިޙް ވަޢުދުވެވަޑައިގެންފައިވާތީކަމަށް.