ޚަބަރު

ޕްރައިމަރީގައި ބަލިވާ ކެންޑިޑޭޓުންނަށް އިންތިޚާބުތަކުގައި ބައިވެރިވެވޭނެ ގޮތް ހަދަނީ


ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކޮށް، ބަލިވާ ކެނޑިޑޭޓުން އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓްގައި އިންތިޚާބުގައި ވާދަކުރެވޭގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އިޞްލާޙު ބާޠިލްކުރުމަށް ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް އިޞްލާހު ހުށަހަޅައިފިއެވެ.

ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަތީފު މުޙައްމަދު ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް މި އިޞްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ވިދާޅުވީ އިންތިޚާބުގައި ވާދަކުރުމަކީ ޤާނޫނު އަސާސީން ކޮންމެ ރައްޔިތަކަށްވެސް ލިބިގެންވާ ހައްޤެއް ކަމަށެވެ. އަދި ވިދާޅުވީ ޕާޓިތަކުގައި ބާއްވާ ޕްރައިމަރީތައް ހަރުދަނާގޮތެއްގައި ބެލެހެއްޓޭނެ ގޮތެއް ނެތުމުން ބައެއްގެ އިންތިޚާބީ ހައްޤުތައް ގެއްލިގެންދާ ކަމަށެވެ.

2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މަޖިލީހުން ފާސްކުރި އިޞްލާޙުގައި ބުނެފައިވަނީ، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީކޮށްފައިވާ މެންބަރަކު، ޤާނޫނު އަސާސީން ބާރުލިބިގެން ބާއްވާ އެއްވެސް އިންތިޚާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާނަމަ، އެ އިންތިޚާބުގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެ ކަމަށެވެ. އަދި ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިޚާބުގައި އެހެން އެއްވެސް ހައިސިއްޔަތަކުން ކެނޑިޑޭޓެއްގެ ގޮތުގައި ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅައިފިނަމަ އެ މީހެއްގެ ކެނޑިޑެންސީ ބާޠިލު ކުރަންވާނެ ކަމަށްވެސް މަޖިލީހުން ފާސްކުރި އިޞްލާޙުގައި ބުނެފައިވެއެވެ.

ސިޔާސީ ޕާޓިތަކުން ބާއްވާ ޕްރައިމަރީން ބަލިވާ މީހުންނަށް އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ޕާޓީއެއްގެ ޓިކެޓްގައި އިންތިޚާބުގައި ވާދަކުރެވޭނެގޮތަށް ސިޔާސީ ޕާޓިތަކުގެ ޤާނޫނަށް އިޞްލާޙު ހުށައަޅުއްވާފައިވާއިރު، އަންނަ އަހަރުގެ މާރޗް މަހުގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް ބައެއް ޕާޓީތަކުން އަންނަނީ ޕްރައިމަރީ ބޭއްވުމަށް ތައްޔާރުވަމުންނެވެ.