ކުޅިވަރު

ޤައުމީ ޓީމު ކުޅުންތެރިން ތަފާތުކުރުމެއް ނެތި ކޮންމެ ކުޅުންތެރިއަކަށްވެސް 5000 ރުފިޔާ ދޭން ނިންމައިފި


ރާއްޖޭގެ ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނަށް އަންނަ އަހަރުން ފެށިގެން ކޮންމެ މަހަކު 5000 ރުފިޔާގެ އެލަވަންސެއް ދިނުމަށް މިހާރު ނިންމަވާފައިވާކަމަށް މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިޔުނީ އެމްޕަވަރޕަވަމަންޓް އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ޔޫތް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މަހުލޫފް ވިދާޅުވީ، ޤައުމީ ޓީމަކުގެ ކުޅުންތެރިންނަށް ދެމުން އަންނަ އެލަވަންސްގެ ތަފާތު ކުރުން ނައްތާލުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞޯލިޙްގެ ސަރުކާރުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ތެރޭގައި ކުރަން ކަނޑައަޅާފައި އޮތްކަމެއްކަމަށެވެ.
އެގޮތުން އަންނަ އަހަރުން ފެށިގެން ޤައުމީ ޖާޒީ ލާ ކޮންމެ ކުޅުންތެރިއަކަށް މަހަކު ފަސްހާސް ރުފިޔާގެ އެލަވަންސެއް ދިނުމަށް މިހާރު ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކޮންމެ ރަށެއްގައި ސްޕޯޓްސް ކައުންސިލަރެއް ބެހެއްޓުމުގެ މަސައްކަތްވެސް ވަރަށް ބާރު ސްޕީޑުގައި ކުރިޔަށްދާކަމަށާއި، އެކަންކުރުމަށް ފިނޭންސް މިނިސްޓްރީން ނަގަންޖެހޭ ހުއްދަތައްވެސް ނަގާފައިވާކަމަށްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ މަހުލޫފް ވިދާޅުވީ ރައީސް އިބްރާހިމްޞޯލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޔޫތް މިނިސްޓްރީން ތޭރަ ކަމެއް ކުރުމަށް ކަނޑައަޅާފައި ވާކަމަށެވެ. އަދި އެ މަސައްކަތްތައް ވަރަށް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ސްޕޯޓްސް މިނިސްޓަރ ވަނީ ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކަކަށްވެސް 500،000 ރުފިޔާގެ ބަޖެޓެއް ކޮންމެ އަހަރަކުވެސް ދޭން ނިންމާފައެވެ.
***********