ޚަބަރު

އަލިފާން ނިއްވުމަށް ބޭނުންކުރާ އާލާތްތަކެއް، ޖަޕާނު ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފި


އަލިފާން ނިއްވުމަށް ބޭނުންކުރާ 22 ވެހިކަލާއި އަލިފާން ނިއްވުމުގައި ބޭނުންކުރާ ގިނަ އާލާތްތަކެއް ޖަޕާން ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

ޖަޕާން ސަރުކާރުގެ ނޮން ޕްރޮޖެކްޓް ގްރާންޓް އެއިޑްގެ ދަށުން ރާއްޖެއަށް ހަދިޔާ ކުރި މި ސާމާނުތަކާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެލެއްވީ ޑިފެންސް މިނިސްޓަރު އަލްއުސްތާޒާ މާރިޔާ އަޙްމަދު ދީދީ އެވެ.

މިތަކެތި ހަވާލުކުރުމަށް މިއަދު ހަވީރު ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިނގާ ނުރައްކާތެރި އަލިފާނުގެ ޙާދިސާތަކުން އަރައިގަތުމަށް މި ވެހިކަލްތަކުގެ ސަބަބުން ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ރާއްޖޭގައި މީގެ ދުވަސްތަކެއް ކުރިން އަލިފާނުގެ ބޮޑެތި ހާދިސާތަކެއް ހިނގައި، އެތައް ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ގޮސްފައިވާއިރު، އޭރު ބޭނުންކުރަމުން އައި ގިނަ ވެހިކަލްތައް ހުރީ އެފަދަ ހާދިސާތަކުން އަރައިގަތުމަށް ބޭނުންކުރެވޭ ޙާލަތެއްގައި ނޫން ކަމަށެވެ.

"މިވެހިކަލްތައް ވަރަށް އަވަހަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ފެށިގެންދާނެ. ރާއްޖޭގައި ވަރަށް ބޮޑެތި ނުރައްކާތެރި އަލިފާނުގެ ހާދިސާ ހިނގާފައިވޭ. މިސާލަކަށް 2016 ވަނަ އަހަރު ކޯސްޓްލައިން ހާޑްވެއާގައި ދިމާވި އަލި ފާނުގެ ހާދިސާ. މިކަމުން އަރައިގަތުމަށް އަދިވެސް މަސައްކަތް ދަނީ ކުރިއަށް. މި ހާދިސާގައި އެންމެ ބޮޑަށް ދިމާވި ގޮންޖެހުމަކީ އަލިފާން ނިއްވުމަށް ބޭނުން ކުރާ އާލަތްތައް މަދުވުން." ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

ދެފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގެ ދަށުން މީގެކުރިން ވަނީ ފުރަތަމަ ފިޔަވަހީގެ ތަކެތި އެމްއެންޑީއެފާއި ހަވާލުކޮށްފައެވެ.

މިއަދު ހަވާލުކުރީ މި ޕްރޮޖެކްޓެގެ ދެވަނަ ޝިޕްމެންޓްގެ ތަކެއްޗެވެ. އޭގެ ތެރޭގައި ހިމެނެނީ އަލިފާން ނިއްވުމަށް ބޭނުން ކުރާ ދެވައްތަރެއްގެ ވެހިކަލާއި ރެސްކިއުއަށް ބޭނުންކުރާ ދެ ވެހިކަލާއި، ހަތް ރެސްކިއު ގޮނޑި އަދި ތިންސަތޭކަ ފަޔަރ ފައިޓިން ޝޫޓެވެ.