ޚަބަރު

ގެއްލިފައިވާ ފައިސާ ހޯދުމަށް އުފެއްދި ކޮމިޝަނަށް މެންބަރަކު ޢައްޔަންކޮށްފި


ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމަށް ރައިސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަންގެ ރައީސްއަކަށް އަހްމަދު އަސްއަދު ހަމަޖައްސާ އިތުރު މެންބަރަކު ޢައްޔަންކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ސޮއިކުރައްވާ އިއްޔެ ނެރުއްވި ޤަރާރެއްގައި ބުނެފައި ވަނީ ކޮރަޕްޝަންގެ މައްސަލަތައް ބަލައި ކޮމިޝަނަށް ހުށައެޅޭ މައްސަލަތަކާއި، ކޮމިޝަނުން ބަލަން ނިންމާ މައްސަލަތައް ތަޙްޤީޤްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ މަސްއޫލިއްޔަތު ކޮމިޝަންގެ ރައީސަށް މަތިކޮށްފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ޤަރާރުގައި ވަނީ ކޮރަޕްޝަންގެ މައްސަލަތައް ބަލައި ކޮމިޝަންގެ ހުސްވެފައިވާ މަޤާމަށް މ.މިރުސްގަސްދޮށުގޭ އާމިނަތު ހަސަން ޢައްޔަންކުރައްވާފައެވެ. އާމިނަތު ޙަސަން އެ ކޮމިޝަން އައްޔަން ކުރައްވާފައި މިވަނީ އައިޝަތު ހަނާ ވަޙީދު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ މި ކޮމިޝަނަކީ، 1 ޖެނުއަރީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018 ގެ ނިޔަލަށް ހިނގާފައިވާ ޚިޔާނާތާއި، ދައުލަތުގެ މުދަލާއި، ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރިވެގެން އެކަށީގެންވާމ މިންވަރަށް ތަޙްޤީޤް ކުރުމަށް އުފައްދަވާފައިވާ ކޮމިޝަނެއް.