ޚަބަރު

މިފްކޯ ވަކި ކުންފުންޏަކަށް ބަދަލުކޮށް، އެހެން ކުންފުނިތައްވެސް ހަރުދަނާކުރަނީ


ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ، މިފްކޯ ވަކި ކުންފުންޔަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މިފްކޯގެ ހާލަތު ބެއްލެވުމަށް ދެ ކުންފުނީގެ އިސް ފަރާތްތަކާއި ބައްދަލުކޮށްފައިވާކަމަށެވެ. އަދި މިބައްދަލުވުމުގައި މިފްކޯ އިތުރަށް ހަރުދަނާކުރެވޭނެ ގޮތްތައް ހޯދުމުގެ ގޮތުން ވަކި ސިޔާސަތުތައް ކަނޑައެޅުމަށް މަޝްވަރާކުރެވުނުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިސަރުކާރުގެ އަމާޒަކީ އެސްޓީއޯގެ ދަށުން މިފްކޯ ވަކިކޮށް، ދައުލަތަށް ފައިދާވާ ކުންފުޏަކަށް ހެދުންކަމަށެވެ.

"މިހާރު ހުރި މައްސަލަތަކާއި ކުރިއަށް ގެންދަން ބޭނުންވާ ގޮތް ޕްރޮޕޯސަލްސްއެއް ހުށަހަޅަން ވާނީ އަންގާފައި. މިހާރު މިފްކޯގެ މެނޭޖުމަންޓަށް ހުށަހަޅަންވާނީ އަންގާފައި. އެ ބޭފުޅުންނާ ދެކެވުނު ވާހަކައިގައި ރަނގަޅު ހުށަހެޅުންތައް އެބަހުރި. އެ ބޭނުންވާ އިންވެސްޓްމަންޓް ބޭރުން ނޫނީ ފިނޭންސް މިނިސްޓްރީގެ ތެރެއިން ވެސް ހޯދައިގެން މިފްކޯއަކީ ކުރިއަށް އޮތް އަހަރުތަކުގައި ފައިދާވާ ކުންފުންޏަކަށް ހެދުން. އަޅުގަނޑުމެންގެ ވިސްނުމެއް ނޫން، އެސްޓީއޯގެ ދަށުގައި ބާއްވައިގެން މިފްކޯ ކުރިއަށް ގެންދިއުމަކީ. އަޅުގަނޑުމެންގެ ވިސްނުން ހުރީ މިފްކޯ އިތުރަށް ތަރައްގީ ކޮށްގެން އެ ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެދުން." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު މިފްކޯއިން މަސްވެރިންނަށް ގިނަ އަދަދެއްގެ ފައިސާ ނުދައްކާ ހުރިކަމަށެވެ. އަދި ވެރިކަމާ ހަވާލުވި ފަހުން 30 މިލިއަން ރުފިޔާ އެސްޓީއޯ މެދުވެރިކޮށް މަސްވެރިންނަށް ދޫކޮށްފައިވާއިރު ސަރުކާރު ޚިއްސާވާ އެހެން ކުންފުނިތަކަށްވެސް މިގޮތަށް ފައިސާ ދީފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ، ސަރުކާރު ކުންފުނިތަކުގެ އޮނިގަނޑަށް ބަދަލު ގެނެސް، ފައިދާވާ ކުންފުނިތަކަކަށް ސަރުކާރު ކުންފުނިތައް ހެދުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެސްއޯއީސްތަކުގެ ހާލަތު އަޅުގަނޑުމެން ކުރިން އަންދާޒާ ކުރިވަރަށް ވުރެއްވެސް ގޯސްކޮށް އަޅުގަނޑުމެނަށް ފެންނަނީ. ފިނޭންސް މިނިސްޓްރީއަކީ އެސްއޯއީސްތަކުގެ ބެލެނިވެރި ފަރާތްކަމަށްވާތީ އަޅުގަނޑުމެން ހާއްސަ އިސްކަމެއް ދީގެން ކުންފުނިތަކުގެ ފިސްކަލް ހާލަތު ރަގަނޅު ކުރުމަށްޓަކާއި ކުރިޔަށް އޮތްތަނުގައި މަސައްކަތްތަކެއް ކުރާނަން. އަދި ރީސްޓްރަކްޗަރ ކޮށްގެން މި ކުންފުނިތަކަކީ ފައިދާ ކުރާނެ އަދި ފައިދާ ލިބޭނެ ކުންފުނިތަކަކަށް ހެދުމަށް މަސައްކަތްތަކެއް ކުރާނަން. އެގޮތުން އެސްއޯއީސްތައް ރީސްޓްރަކްޗަރކުރުމަށްޓަކާ މިނިސްޓީރިއަލް ލެވެލްއެއްގައި ކޮމިޓީއެއް ހެދިގެން މަސައްކަތް ކުރުމުގެ ވިސްނުމެއް އެބައިން." މިނިސްޓަރ ވިދާޅުވިއެވެ.

މިފްކޯއަކީ ނަވާރަ ސަތޭކަ ނުވަދިޔަ ތިން ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ފެކްޓްރީ ހިންގަމުންދާ ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ހަދާފައިވަނީ ދެހާސް ސޯޅަވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ.