ޚަބަރު

އެއިޑްސް އިން ރައްކާތެރިވުމަށް ހަރުދަނާ ނިޒާމެއް ސަރުކާރުން ޤާއިމްކުރާނަން - ނާއިބު ރައީސް


އެއިޑްސް އިން ރައްކާތެރިވުމަށް ހަރުދަނާ ނިޒާމެއް ސަރުކާރުން ޤާއިމްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ އެއިޑްސް ބައްޔާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމަށް ކުރިޔަށް ގެންދާ "ނޯ ޔުއަރ ސްޓޭޓަސް" ެކެމްޕެއިން އިފްތިތާޙްކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ނޯ ޔުއަރ ސްޓޭޓަސް" ކެމްޕެއިންއަކީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލާއި، އެޗްޕީއޭ އަދި ޝީ ގުޅިގެން ކިރިޔަށް ގެންދާ ކެމްޕެއިނެކެވެ.

އައިޖީއެމްއެޗްގައި ބޭއްވި ރަސްމިއްޔާތެއްގައި "ނޯ ޔުއަރ ސްޓޭޓަސް" ކެމްޕެއިން ފަށްޓަވާދެއްވާ ވާހަކަފުޅު ދައްކަވަމުން ނާއިބު ރައީސް ވިދާޅުވީ އެއިޑްސް ބަލިން ރައްކާތެރިވުމަށް ބާރުއެޅުމުގެ ގޮތުން ހުރިހާ ދާއިރާއެއް ހިމެނޭގޮތަށް ހިންގާ އެކި އެކި ޕްރޮގްރާމްތައް ބެލުމާއި، ހިންގުމަށް ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން ނިންމަވާފައިވާކަމަށެވެ. މި ނިޒާމުގެ ސަބަބުން ޚަރަދުކުޑަ އަދި ފަސޭހައިން ޕްރޮގްރާމްތައް ހިންގުމަށް މަގުފަހިވާނެކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި އެއިޑްސް ޖެހޭ މީހުންގެ މިންވަރު އިތުރުނުވެ ހިފެހެއްޓިފައި އޮތުމަކީ ވަރަށް ބޮޑު ކާމިޔާބީއެއްކަން ފާހަގަކުރައްވައި، އެފަދަ ކާމިޔާބީއެއް ހާސިލްކުރުމުގައި އެއިޑްސްއަށް ޓެސްޓުކޮށް އެމީހެއްގެ ހާލަތު ދެނެގަނެވިފައި އޮތުމަކީ މިބަލިން ރައްކާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، އެއިޑްސް ބަލިން ރައްކާތެރިވުމަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާޢަތްތަކުގެ މަސައްކަތް ފާހަގަކުރައްވައި އެތަންތަނަށް މާލީ އެހީތެރިކަން އިތުރުކުރުމަށް ވަނީ ބާރުއަޅުއްވާފައެވެ. އަދި ވީހާވެސް ގިނަ ފަރާތްތަކުން އެޗްއައިވީއަށް ޓެސްޓްކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ޝާޙް މާހިރު ވިދާޅުވީ، އެކި ފެންވަރުގައި އެއިޑްސް ނައްތާލުމަށް ރާއްޖޭގައި ކުރާ މަސައްކަތްތަކަށް ސަރުކާރުން ބާރުއަޅާކަމަށެވެ. ކުރިއަށް އޮތްތަނުގައިވެސް އެއިޑްސް އިން ރައްކާތެރިވުމަށް ސަރުކާރުގެ ފަރާތުން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަޤީންކަން ޝާޙު ވަނީ ދެއްވާފައެވެ.

ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ އެއިޑްސް ބައްޔާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަގަކުރުމަށް ހިންގާ "ނޯ ޔުއަރ ސްޓޭޓަސް" ކެމްޕެއިން ފަށްޓަވާދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ އެޗްއައިވީއަށް ޓެސްޓް ކުރައްވާފައެވެ.