ޚަބަރު

ޓިކެޓު ދިން މެންބަރުންގެ ލިސްޓްގައި މޫސަ އާއި ނަޝީދުގެ ނަމެއް ނެތް


މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދަށް ނުހިމަނާ ޕީޕީއެމްގެ ދެން ތިބި ހުރިހާ މަޖިލިސް މެމްބަރުންނަށް ޕްރައިމެރީއަކާ ނުލާ ޓިކެޓްދީފިއެވެ.

ޕްރައިމެރީއަކާއި ނުލާ ކުރީގެ ރައީސް ޔާމީން ރޭ ޓިކެޓު ދިނީ އެމަނިކުފާނާއި އެޕާޓީއަށް ވަފާތެރި މެންބަރުންނަށެވެ. އެގޮތުން ޕްރައިމަރީއަކާއި ނުލައި ޕީޕީއެމްއިން ވަނީ 24 މެންބަރުންނަށް ޓިކެޓު ދެއްވާފައެވެ. އަދި ޓިކެޓު ދިން މެންބަރުންނަށް އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ފުރިހަމަ ތާޢީދު އޮތްކަން ހާމަކުރައްވާ ވަނީ ކޮންމެ މެންބަރަކަށްވެސް ވަކިވަކިން ސިޓީފުޅެއްވެސް ފޮނުއްވާފައެވެ.

މި ލިސްޓުގައި ނަން ނެތީ އެމްޑީގައި ހުންނެވުމަށްފަހު ޕީޕީއެމަށް ބަދަލުވި ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދުއެވެ. ނަޝީދާއި މޫސައަށް ޓިކެޓު ނުދިން ސަބަބެއް ޕީޕީއެމުން ނުބުނެއެވެ. މިކަމާއި ގުޅޭގޮތުން ޕީޕީއެމްގެ ސެކްރެޓެރީ ޖެނެރަލް މުޙައްމަދު ޙުސައިން ޝަރީފަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ ޕީޕީއެމްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ. ޕީޕީއެމްއިން ރޭ ބުނީ އިތުރު މެންބަރުންތަކަކަށްވެސް ޕްރައިމަރީއަކާއި ނުލައި ޓިކެޓު ދޭނެކަމަށެވެ.

އަންނަ އަހަރުގެ މަޖިލިސް އިންތިޚާބުގެ ދާއިރާތައް އަލުން އެކުލަވާލިއިރު ހުޅުހެންވޭރު ދާއިރާއެއް އަންނަ އަހަރުން ފެށިގެން ނޯންނާނެ ކަމަށް އިލެކްޝަނުން ބުނެއެވެ. އޭގެ ބަދަލުގައި އޮންނާނީ ހުޅުމާލެ ދާއިރާއެވެ. ނަމަވެސް އަންނަ މޖިލިސް އިންތިހާބުގައިވެސް ކުޅުދުއްފުށީ ދެކުނު ދާއިރާ އޮންނާނެއެވެ.