ޚަބަރު

އެމް-ފައިސާ މެދުވެރިކޮށް ޓްރީޓޮޕް ހޮސްޕިޓަލަށް ފައިސާ ދެއްކޭނެ ނިޒާމެއް ތައާރަފްކޮށްފި


އުރީދޫގެ އެމް-ފައިސާ ޚިދުމަތް މެދުވެރިކޮށް ޓްރީޓޮޕް ހޮސްޕިޓަލުގެ ޚިދުމަތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ތައާރަފްކޮށްފިއެވެ.

އުރީދޫއިން ބުނީ ޓްރީޓޮޕް ހޮސްޕިޓަލްގެ ވެބްސައިޓް އަދި އުރީދޫ އެމް-ފައިސާގެ މޮބައިލް އެޕް މެދުވެރިކޮށްވެސް، ޓްރީޓޮޕް ކަސްޓަމަރުންނަށް އެމް-ފައިސާގެ ޚިދުމަތް ބޭނުންކުރެވޭނެކަމަށެވެ. މިގޮތުން، އެޕޮއިންޓްމަންޓް ހެއްދެވުން، އޯ.ޕީ.ޑީގެ ޚިދުމަތްތައް، އަދި ބޭސްފަރުވާ ފަދަ ޓްރީޓޮޕް ހޮސްޕިޓަލުން ލިބޭ އެންމެހާ ޚިދުމަތްތަކަށްވެސް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެކަމަށް އެކުންފުނިން ބުންޏެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ ޓްރީޓޮޕްއާއެކު ފެށުނު މި ގުޅުން އިތުރަށް ވަރުގަދަކޮށް، އެމް-ފައިސާ އެޕް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދުން ފަދަ ބޭނުންތެރި ޚިދުމަތްތައް ފޯރުކޮށްދިނުމަށް އުރީދޫއިން މަސައްކަތް ކުރާނެކަމަށެވެ.

އުރީދޫ އެމް-ފައިސާ އަކީ ކޮންމެ ތާކުން، އަދި ކޮންމެ ވަގުތެއްގައިވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޚިދުމަތެކެވެ.

އެމް-ފައިސާ މެދުވެރިކޮށް ސްޓެލްކޯ، މީޑިއާނެޓް، އެމް.ޑަބްލިއު.އެސް.ސީ، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި މޯލްޑިވްގޭސް ބިލްތައްވެސް ދެއްކެއެވެ.