ޚަބަރު

ވޯޓް ކަރުދާސްތައް ނައްތާލުމަކީ ހިންގި ބޮޑު ޖަރީމާއެއް- ޔާމީން


ނިމިދިޔަ ރިޔާސީ އިންތިހާބާއި ގުޅޭ މައްސަލަ ފުލުހުން ތަހުޤީގުކުރަމުންދަނިކޮށް ވޯޓް ކަރުދާސްތައް ނައްތާލުމަކީ ހިންގި ބޮޑު ޖަރީމާއެއްކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ވެރިކަން ބަދަލުވުމަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ އިންތިހާބާއި ގުޅިގެން މައްސަލަ ހުށައެޅާފައި އޮއްވާ ވޯޓް ކަރުދާސްތައް ނައްތާލުމަކީ ވޯޓްގެ ސައްހަކަމާއި މެދު ސުވާލު އުފެދޭކަމެއްކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އިންތިހާބާއި ގުޅޭގޮތުން މިހާތަނަށް ވާހަކަނުދައްކަވާ ހުރީ އެ މައްސަލަ ސުޕްރީމްކޯޓުގައި އޮތުމުންކަމަށާއި އެހެންނަމަވެސް ސުޕްރީމްކޯޓުން އެ މައްސަލަ ނިންމާ ތަހުޤީގަށް ފުރުސަތު ލިބިގެންދިޔަކަމަށެވެ.

ޔާމީން ވިދާޅުވީ އިންތިހާބުގެ ސައްހަކަން ކަށަވަރުކުރުމަށް އެ މައްސަލަ ޕްރޮސެކިއޓަރ ޖެނަރަލަށްވެސް ހުށައަޅެއްވިކަމަށެވެ. އަދި އެކަމަށް އިޖާބަށް ނުދެއްވުމުން ޕީޖީއާއި ބައްދަލުކުރެއްވުމަށް އެދުމުން އެކަމަށްވެސް ޕީޖީ އިޖާބަ ދެއްވާފައިނުވާކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

" އަޅުގަނޑުމެންގެ ޕާޓީން ވާނީ މިކަން ބަލައި ތަހްޤީގު ކޮށްދިނުމަށް އެދި އިލެކްޝަނަށް ހުށަހަޅާފައި. ހުށަހަޅައިގެން މި ދެންނެވި ގޮތަށް ދިޔައިރު ފަހުން މި ސްޓޯރޫމް ހުރީ ފުލުހުންނާއި އިލެކްޝަނުގެ ބެލުމުގެ ދަށުގައި. ދެން ކިހިނެއްތޯ ނަތީޖާއަށް ވެގެންދިޔައީ، މައްސަލަ ތަޙްޤީގު ކުރަމުން ދަނިކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އެބުނާ ސްޓްރޯންރޫމްގައި ހުރި ކަރުދާސްތައް ޝްރެޑްކޮށްލިތަން އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ، " ރައީސް ޔާމީން ވިދާޅުވިއެވެ.

ވެރިކަން ބަދަލުވުމަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންގެ ކުރިމައްޗަށް ޔާމީން ނުކުންނަވާފައި މިވަނީ ޕީޕީއެމްގެ މަޖިލިސް ބައެއް މެންބަރުންނަށް ޕްރައިމެރީއަކާއި ނުލާ ޓިކެޓް ދިނުމަށެވެ. މަޖިލިސްގައި ޕީޕީއެމް ތަމުސީލުކުރައްވާ އަދި ޔާމީނަށް އިހްލާސްތެރި 24 މެންބަރަކަށް ޕްރައިމެރީއަކާއި ނުލާ އަންނަ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ރޭ ވަނީ ޓިކެޓް ދީފައެވެ.