ސިޔާސީ

2 އަހަރާ ބައިގެ ތެރޭގައި ދަރަނި އަދާކޮށްފައިވެސް މަޝްރޫއުތައް ހިންގޭނެ - ރައީސް ޔާމީން


ދެ އަހަރާ ބައިގެ ތެރޭގައި ދަރަނި އަދާކޮށްފައިވެސް ތަރައްޤީގެ މަޝްރޫއުތައް ހިންގޭނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ބައެއް މަޖިލިސް މެންބަރުންނަށް ޕްރައިމަރީއަކީ ނުލައި ޓިކެޓް ދިނުމަށް ޕީޕީއެމް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު ދަޢުލަތުގެ ދަރަނި އުޅެނީ ގާތްގަނޑަކަށް ތިރީސް ބިލިއަންގައި ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މިފަހުން އައި އެއްވެސް ސަރުކާރަކުން ހުށައަޅާ އެ އަހަރެއްގެ ބަޖެޓު ފާސްކުރާއިރު، ދެ ބިލިއަން ރުފިޔާގެ ދަރަންޏެއް ނޯންނަ އިރެއް ނުދާކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ފަސް އަހަރުގެ ދައުރު ނިންމަވާލެއްވިއިރުވެސް އަހަރަކަށް ޖެހިފައިވާނީ ދެ ބިލިއަން ރުފިޔާ ކަމަށް ވިދާޅުވިއެވެ.

"އަހަރަކަށް ދެ ބިލިއަން ރުފިޔާގެ ދަރަނި ފަސް އަހަރުގެ ދައުރެއް ލިބޭ ބަޔަކަށް އަދާނުކުރެވޭ ކަމަށްވަންޏާ އެއީ ނާޤާބިލުކަން. އަޅުގަނޑުމެން ގާތްގަނޑަކަށް ތިން އަހަރު ނޫނީ ތިން އަހަރާއި ބައިގެ ތެރޭގައި މިދެންނެވި ތިރީސް ހާސް މިލިއަނުގެ ދަރަނި އަޅުގަނޑުމެން އަދާކުރީމު." ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ ރައްޔިތުންނާ ގުޅުންހުރި މިފަދަ މައްސަލަތަކުގައި ތަފާސް ހިސާބުތައް ނުނަންގަވާ ރައްޔިތުންނަށް ފައިދާހުރި ތަރައްޤީގެ މަޝްރޫއުތައް ބާރަށް ކުރިއަށް ގެންދިއުމަށް މިހާރުގެ ސަރުކާރަށް ގޮވާލާފައެވެ.

މީގެ އިތުރުން ރައީސް ޔާމީން ވަނީ ޕީޕީއެމްގެ ސަރުކާރުން ނަގާފައިހުރި ލޯނަކީ އެވަގުތު ދުނިޔޭގެ އިގްތިސާދީ މަޝްރަހުގައި ހަތަރު ޕަސެންޓަށްވުރެ ދަށްކޮށް ލޯނު ލިބެންހުރުމުން ކޮންޒެޝަނަލް އިންޓްރެސްޓްގައި ނަގާފައިވާ ލޯނުތަކެއް ކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވިއިރު 24 ފަރާތަކަށް ސޮވަރިން ގެރެންޓީ ދޫކޮށްފައި ހުރި އިރު، އެ ގެރެންޓީތަކުގެ އަދަދު، 1.368 ބިލިއަން ޑޮލަރަށް އަރާކަމަށެވެ. އޭގެ ތެރެއިން، މިހާތަނަށް ބޭނުން ކުރެވިފައި ހުރީ، 666 މިލިއަން ޑޮލަރުގެ ސޮވަރިން ގެރަންޓީ ކަމަށް ވެސް ފިނޭންސް މިނިސްޓަރ އިބްރާޙީމް އަމީރު ވަނީ ވިދާޅުވެފައެވެ.