ރިޔާސީ އިންތިޚާބާއި ގުޅިގެން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ހިތްޕުޅުގައި ހުރި ޝަކުވާތަކާއި ހިތްހަމަނުޖެހުންތައް ހިއްޞާކުރައްވައިފިއެވެ.
ޕީޕީއެމްގައި މިހާރު ތިއްބެވި ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ޕްރައިމަރީއަކާއި ނުލައި ޓިކެޓު ދިނުމަށް ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސެޕްޓެމްބަރ މަހުގެ 23ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އަދިވެސް އެމަނިކުފާނު ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލުމަށް ގިނަ ކަންތައްތަކެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ ކަމަށާއި ނަމަވެސް އެކަންކަން އެނގުނީ އިންތިޚާބު ނިމުނުތާ ހަފްތާއެއްހާ ދުވަސްވީ ފަހުން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ އިންތިޚާބާއި ގުޅޭ ޝަކުވާތައް ހުށަހެޅޭނެ ގޮތް ނެތިގެން ދިޔަ ކަމަށެވެ. އެގޮތުން އެއްވެސް ޝަކުވާއެއް އިލެކްޝަނަށް ހުށަނޭޅި ހަތަރު ފަސް ދުވަސް ވެގެންދިޔަ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އިލެކްޝަނުގެ ކޮމްޕްލެއިންސް ބިއުރޯ އެއްތަނުން އަނެއް ތަނަށް "ފިޒިކަލީ" ބަދަލުވެގެން ދިއުމުން އެ ޝަކުވާތައް ހުށަހެޅުމަށް ދަތިތަކެއް ކުރިމަތިވެގެން ދިޔަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އެހެންނަމަވެސް މިކަންކަމަކީ މިވަރުގެ ބޮޑު އިންތިޚާބަކަށް ކުރިމަތިލައިގެން ދާއިރު ދިވެހިރާއްޖޭގައި އަމުދުން ހިނގައިގެން ވާނޭ ކަމެއް ނޫން. އެހެންވީމަ މިކަހަލަ ކަންތައްތަކެއް އިދާރީ ގޮތުންނަމަވެސް ހުށަހެޅިފައި ހުރި އުނދަގޫތަކަކާއި އެކީ ކުރިމަތިލާން ޖެހިގެން އަޅުގަނޑުމެންނަށް މިހާ ގިނަ ދުވަސް ނެގީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އިންތިޚާބާއި ގުޅޭ އެއްވެސް ކަމެއް އިންތިޚާބުގެ ކުރިން ސަމާލުކަމަށް ނުގެނެވުނީ އިލެކްޝަނުގެ ޢަމަލުތައް ހުރި ގޮތުން ކަމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ ޤައުމީ ކޮމްޕްލެއިންސް ބިއުރޯގެ ވާހަކަ ތަކުރާރުކޮށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ކޮމްޕްލެއިންސް ބިއުރޯ އެއްތަނުން އަނެއް ތަނަށް ބަދަލު ކުރުމުގެ ސަބަބުން ރާއްޖޭގެ ރަށަކުންވެސް އިންތިޚާބާއި ގުޅޭ ޝަކުވާތައް ގެނެވޭނެ ގޮތް ނުވި ކަމަށެވެ.
"ޝަކުވާ ހުށަހެޅޭނެ ގޮތެއް ނެތް ކަމަށްވަންޏާ އަޅުގަނޑުމެންނަށްވެސް ޝަކުވާ ލިބޭނެ ގޮތެއްވެސް ނެތް. އެހެންނަމަވެސް ކުޑަ ދުވަސްކޮޅަކަށްފަހު ހަތަރު ފަސް ދުވަހެއް ފަހުން. އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ބޮޑެތި ބޮޑެތި މައްސަލަތައް ހުރިތަން. އެ ބޮޑެތި މައްސަލަތައް އަޅުގަނޑުމެންނަށް ތަހްޤީގު ކުރެވޭނެ ގޮތެއްނުވި. އެއީ އަޅުގަނޑުމެންނަށް އެންމެ ގިނަ ވަގުތު ގެއްލިގެންދިޔަ ސަބަބު،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ އިބްރާޙީމް މުޙައްމަދު ޞާލިޙު ކުރެއްވުމަށްފަހު އިދިކޮޅު ލީޑަރެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް މީޑިއާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވީ މީގެކުރިން އިންތިޚާބާއި ގުޅޭ ވާހަކަތައް ނުދައްކާ އެއްފަރާތް ކޮށްލީ ސުޕްރީމް ކޯޓުގައި އިންތިޚާބާއި ގުޅޭ މައްސަލަ ކުރިއަށްދާތީ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ރަސްމީ އެއްވެސް ތަޙްޤީގެއް ކުރެވޭނެ ގޮތެއް ނުވި ކަމަށެވެ. ނަމަވެސް ޝަރީޢަތަށް ޤަބޫލުކުރެވޭނެ މިންވަރަށް "ހޯދުނު ގޮތަކަށް" ހެކި ނެގި ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ނަމަވެސް އެއީ ރަސްމީ އިދާރާއަކުން ކުރި ރަސްމީ ތަހްޤީގެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ ޤާނޫނު އަސާސީން ކަށަވަރު ކޮށްދެނީ މިނިވަން އިންސާފުވެރި އިންތިޚާބެއް އޮންނަންވާނެ ކަމަށް ކަމަށެވެ.
"މިއީ މިނިވަން އިންތިޚާބެއް ނޫން. އިންސާފުވެރި އިންތިޚާބެކޭވެސް އަޅުގަނޑަކަށް ދަންނަވާކަށް ފަސޭހައެއް ނޫން. މިނިވަން އިންތިޚާބަކަށް ނުވާ ސަބަބަކީ މިހާ ބޮޑެތި އޮޅުންތައް އޮޅުވާލައިގެން ކަންކަން ކޮށްފައި ހުރިކަން،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުން ކުރި ޙުކުމްގައިވެސް އޮތީ ތަހްޤީގަކަށް ޖާގަ ދީފައި ކަމަށެވެ. އެހެންކަމުން އޭގެ އަނެއް ދުވަހު ރިޔާސީ އިންތިޚާބުގައި ހިނގާފައިވާ ކަންކަމާއި ގުޅޭ ގޮތުން ފުލުހުންނަށް ތަހްޤީގު ކުރުމަށް ހުށަހެޅި ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ރައީސް ޔާމީން ވިދާޅުވީ ރިޔާސީ އިންތިޚާބުތަކުގައިވެސް އަދި އެހެނިހެން އިންތިޚާބުތަކުގައިވެސް ވޯޓުލާ ނިމުމަށްފަހު ވޯޓު ކަރުދާސްތައް ރަށްރަށުން ގެނެސް ބެހެއްޓުމަށްފަހު ހުންނާނީ އިލެކްޝަންސް ކޮމިޝަނާއި ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. ނަމަވެސް އެކަމުގައިވެސް މިފަހަރުގެ ރިޔާސީ އިންތިޚާބު ދިޔައީ އެހެން ފަހަރުތަކާއި މުޅިން ޚިލާފަށް ކަމަށް ރައީސް ޔާމީން ތުހުމަތުކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ޕާޓީން ވާނީ މިކަން ބަލައި ތަހްޤީގު ކޮށްދިނުމަށް އެދި އިލެކްޝަނަށް ހުށަހަޅާފައި. ހުށަހަޅައިގެން މި ދެންނެވި ގޮތަށް ދިޔައިރު ފަހުން މި ސްޓްރޯންރޫމް ހުރީ ފުލުހުންނާއި އިލެކްޝަނުގެ ބެލުމުގެ ދަށުގައި. ދެން ކިހިނެއްތޯ ނަތީޖާއަށް ވެގެންދިޔައީ، މައްސަލަ ތަޙްޤީގު ކުރަމުން ދަނިކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް އެބުނާ ސްޓްރޯންރޫމްގައި ހުރި ކަރުދާސްތައް ޝްރެޑްކޮށްލިތަން އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެވަރު ވެގެންދިޔައިރު ވެސް ދިވެހިރާއްޖޭގެ އެއްވެސް މުޢައްސަސާއަކުން އެކަމަށް އިނގިލިވެސް އުފުލާލަން ބޭނުންނުވި ކަމަށެވެ.