ދުނިޔެ

ޕްރޮފައިލް: ލަންކާގެ އިންތިޙާބު ކާމިޔާބު ކުރެއްވި ސިރިސޭނާ


ޕައްލެވައްތަ ގަމަރަލާލަގެ މައިތްރިޕަލާ ޔަޕާ ސިރިސޭނާ ނުވަތަ މައިތްރިޕަލާ ސިރިސޭނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1951 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތިންވަނަ ދުވަހުއެވެ. ބުރާސްފަތި ދުވަހު ސްރީލަންކާގައި ކުރިޔަށްގެންދިޔަ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާފައިވާ ސިރިސޭނާގެ ސިޔާސީ ޙަޔާތްޕުޅު ފެށުނީ 1989 ވަނަ އަހަރުއެވެ. އެއަށްފަހު 1994 ވަނަ އަހަރުން ފެށިގެން ސިރިސޭނާ ގެންދަވަނީ ސްރީލަންކާ ސަރުކާރުގެ އެކިއެކި ވުޒާރާތައް ހިންގަވަމުންނެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި ބައިވެރިވި އެލްބަރޓް ސިރިސޭނާގެ ދަރިކަލުން މައިތްރިޕާލާ ސިރިސޭނާ އަކީ އާދައިގެ ދިރިއުޅުމަކަށް ލޯބި ކުރައްވާ ބޭފުޅެކެވެ. ދަނޑުވެރި ޢާއިލާއަކަށް އުފަންވި ސިރިސޭނާ ވަޒީރު ކަމުގައި ހުންނެވި ދުވަސްވަރުވެސް ފެނިގެންދިޔައީ އާދައިގެ ދިރިއުޅެއް ކަމަށް މީޑިއާއިން ސިފަކުރެއެވެ. ސްރީލަންކާ ސްކޫލް އޮފް އެގްރިކަލްޗަރގައި ތިން އަހަރު ތަޢުލީމު ޙާޞިލުކުރެއްވުމަށްފަހު ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން، ރަޝިޔާގެ މަރކްޒިމް ގޯކޯ ލިޓްރޭޗަރ އިންސްޓިޓިއުޓުން ސިރިސޭނާ ޑިޕްލޮމާ ޙާޞިލުކުރެއްވީ 1980 ވަނަ އަހަރުއެވެ. ފުރާވަރުގެ ޒުވާނެއްގެ ގޮތުގައި ސިރިސޭނާ ބޮޑުފުޅު ވަމުން އައި ދުވަސްވަރު ކޮމިއުނިޒަމްއަށް ޝަޢުޤުވެރިކަން އޮތް ނަމަވެސް، ސްރީލަންކާ ފްރީޑަމް ޕާޓީ – އެސް.އެލް.އެފް.ޕީއާއި ސިރިސޭނާ ގުޅިވަޑައިގަތީ 1967 ވަނަ އަހަރުއެވެ. އަދި 1971 ވަނަ އަހަރު އިންޤިލާބުގެ ތެރެއިން ޖަލުގައިވެސް ދުވަސްތަކެއް ސިރީސޭނާ ވަނީ ގުނުއްވާފައި. އެއަށްފަހު އަނެއްކާވެސް އެސް.އެލް.އެފް.ޕީގެ އިސްމަޤާމުތަކަށް ސިރިސޭނާ ކުރިމަތިލެއްވިއެވެ. އެއީ 1981 ވަނަ އަހަރު އެ ޕާޓީގެ ޕޮލިޓްބިއުރޯއާއި ގުޅިވަޑައިގެންނެވި ހިސާބުންނެވެ. އަދި އޯލް އައިލަންޑް އެސް.އެލް.އެފް.ޕީގެ ޒުވާނުންގެ ޖަމިއްޔާގެ ރައީސްކަންވެސް ސިރީސޭނާ ވަނީ ކުރައްވާފައެވެ. މީގެ އިތުރުން އަވަށު އޮފިސަރެއްގެ ގޮތުގައިވެސް ސިރީސޭނާގެ ޚިދުމަތްތައް ވަނީ ލަންކާއަށް ލިބިފައެވެ.ސިރީސޭނާގެ ރަސްމީ ސިޔާސީ ޙަޔާތްޕުޅުގެ ފެށުން އައީ 1989 ވަނަ އަހަރުގެ ޢާންމު އިންތިޚާބުގައި، ސްރީލަންކާ ފްރީޑަމް ޕާޓީގެ މެމްބަރެއްގެ ގޮތުގައި ވާދަކުރައްވާ، އެ އިންތިޚާބު ކާމިޔާބު ކުރެއްވި ހިސާބުންނެވެ. އެއަށްފަހު 1994 ވަނަ އަހަރު ޕީޕަލްސް އެލައިއަންސް – ޕީ.އޭގެ ކެނޑިޑޭޓެއްގެ ގޮތުގައި އަނެއްކާވެސް މަޖިލީހުގެ ގޮނޑި ސިރީސޭނާ ދިފާޢު ކުރެއްވިއެވެ. ޗަންދްރިކާ ކުމާރަތުންގާގެ ޕީ.އޭގެ އައު ސަރުކާރުން ސިރިސޭނާ ފުރަތަމަ ފަހަރަށް ފެނިގެންދިޔައީ ޑެޕިއުޓީ މިނިސްޓަރ އޮފް އިރިގޭޝަންގެ މަޤާމުންނެވެ. އެއަށްފަހު 1997 ވަނަ އަހަރު ތަރައްޤީއާއި ބެހޭ ވަޒީރުގެ ގޮތުގައި ލަންކާގެ ކެބިނެޓަށް ސިރީސޭނާ ޕްރޮމޯޓް ކުރެއްވީ ލަންކާގެ ރިޔާސަތުންނެވެ.ދެން ފެނިގެންދިޔައީ ސްރީލަންކާ ފްރީޑަމް ޕާޓީގެ ޖެނެރަލް ސެކްރެޓަރީ ކަމުގެ މަޤާމަށް ސިރީސޭނާ 2000 ވަނަ އަހަރު ވާދަކުރެއްވި މަންޒަރެވެ. ނަމަވެސް އެސް.ބީ. ޑިސަނަޔަކާއާއި ވާދަކުރައްވާ، ސިރީސޭނާއަށް ނާކާމިޔާބީއާއި ކުރިމަތިލައްވަންޖެހިވަޑައިގެންނެވި. އޭގެ ބަދަލުގައި ސިރީސޭނާއަށް ޖެހިވަޑައިގަތީ ޕާޓީގެ ނައިބުރައީސް ކަމުގެ މަޤާމު އަދާކުރައްވަންނެވެ. 2000 ވަނަ އަހަރުގެ ޢާންމު އިންތިޚާބުގައިވެސް ވާދަ ކުރައްވާ، ސިރީސޭނާ ވަނީ މަޖިލީހުގެ ގޮނޑިއާއި ވަޒީރުކަމުގެ މަޤާމު ދަމަހައްޓަވާފައެވެ. އަދި ޔުނައިޓަޑް ނޭޝަނަލް ޕާޓީއާއި ޑިސަނަޔަކަ ގުޅިވަޑައިގަތުމުން، އެސް.އެލް.އެފް.ޕީގެ ޖެނެރަލް ސެކްރެޓަރީ ކަމަށް ސިރީސޭނާ އިސްކުރެވުނެވެ. 2001 ވަނަ އަހަރުވެސް ސްރީލަންކާގައި ކުރިޔަށް ގެންދިޔަ ޢާންމު އިންތިޚާބުގައި ވާދަކުރައްވާ ސިރީސޭނާވަނީ ކާމިޔާބީ ހޯއްދަވާފައެވެ. ނަމަވެސް، ޕީ.އޭއަށް އިންތިޚާބު ނާކާމިޔާބުވުމުގެ ނަތީޖާއަކަށްވީ، ވަޒީރުންގެ މަޖިލީހުގެ ގޮނޑި ސިރީސޭނާއަށް ގެއްލުނެވެ. އެއަށްފަހު ޔުނައިޓަޑް ޕީޕަލްސް ފްރީޑަމް އެލައަންސް އުފައްދުމަށްޓަކައި އެސް.އެލް.އެފް.ޕީން އިއްތިޙާދު ހެދިއެވެ.  އަދި 2004 ވަނަ އަހަރުގެ ޢާންމު އިންތިޚާބު ސިރީސޭނާ ކާމިޔާބު ކުރެއްވުމާއެކު ޔޫ.ޕީ.އެފް.އޭގެ ސަރުކާރުގެ ދަށުން 2004 ވަނަ އަހަރުގެ އޭޕްރިލް މަހު ލަންކާގެ ކެބިނެޓުން ސިރިސޭނާ އަނެއްކާވެސް ޖާގަ ހޯއްދެވިއެވެ. އަދި ސިރީސޭނާ ވަނީ ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްކަންވެސް 2005 ވަނަ އަހަރު ކުރައްވާފައެވެ. 2005 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު މަހިންދަ ރާޖަޕަކްސަ ކާމިޔާބު ކުރެއްވުމާއެކު ފެނިގެންދިޔައީ ލަންކާގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު ކަމަށް ސިރީސޭނާ އިސްކުރެވިގެންދިޔަ މަންޒަރެވެ. ދެން ފެނިގެންދިޔައީ 2008 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ނުވަވަނަ ދުވަހު ސިރީސޭނާއަށް މަރާ ހަނގުރާމަ ކުރައްވަން ޖެހިވަޑައިގެންނެވި މަންޒަރެވެ. އެއީ ސިރީސޭނާ ދަތުރު ކުރައްވަމުން ގެންދެވި ޤާފިލާއަށް އަމާޒުކޮށް ލިބަރޭޝަން ޓައިގަރޒް އޮފް ޓެމިލް އީލާމުން ބޮމުގެ ޙަމަލާ ދިނުމާ ގުޅިގެންނެވެ. 2010 ވަނަ އަހަރުގެ ޢާންމު އިންތިޚާބުވެސް ސިރީސޭނާ ކާމިޔާބު ކުރެއްވިއެވެ. ނަމަވެސް އެފަހަރު ސިރީސޭނާގެ ވުޒާރާ ވަނީ ސްރީލަންކާގެ ސިއްޙަތާ ބެހޭ ވުޒާރާއަށް ބަދަލު ކުރައްވާފައެވެ. ދެން ފެނިގެންދިޔައީ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކުށްލި ގޮތަކަށް ސްރީލަންޖާގެ ރިޔާސަތުން އިޢުލާން ކުރެއްވި ރިޔާސީ އިންތިޚާބުގައި ސިރީސޭނާ ވާދަކުރައްވަން ނިންމެވި މަންޒަރެވެ. އެއަށްފަހު ސަރުކާރުން ވަކިވެވަޑައިގެން، ކުރިޔަށް ގެންދެވި ކެމްޕޭންތަކުގެ ނަތީޖާއެއްގެ ގޮތުން ސިރީސޭނާ ވަނީ، ރިޔާސަތުގައި ހުންނެވި މަހިންދަ ރާޖަޕަކްސަގެ ދިހަ އަހަރުވީ ވެރިކަމަށް ނިމުމެއް ގެންނަވާ، ސްރީލަންކާގެ ހަތްވަނަ ރައީސް ކަމުގެ މަޤާމު ކަށަވަރު ކުރައްވާފައެވެ.