ޚަބަރު

ޖޭއެސްސީގެ މެންބަރުކަމުން ސަލީމް ވަކި ކުރައްވައިފި


ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގެ މެންބަރުކަމުން މުޙައްމަދު ސަލީމް ވަކި ކުރައްވައިފިއެވެ. ސަލީމަކީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މެންބަރެއްގެ ގޮތުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޢައްޔަން ކުރެއްވި މެންބަރެކެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި ޖޭއެސްސީގެ މެންބަރަކަށް ޢައްޔަން ކުރެއްވި ސަލީމް އެ މަޤާމަށް ޢައްޔަން ކުރެއްވީ ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު ފައިސަލް ހައިކޯޓުގެ ފަނޑިޔާރަކަށް ޢައްޔަން ކުރެއްވުމާއި ގުޅިގެންނެވެ.

ސެޕްޓެމްބަރ މަހުގެ 23ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލް ކޮށްދިނުމަށް އެދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި އިސްކޮށް ވަކާލާތު ކުރެއްވުމަށް ހުންނެވި ސަލީމް ޖޭއެސްސީގެ މެންބަރު ކަމުން ވަކި ކުރެއްވީ މިދިޔަ މަހުގެ 22ވަނަ ދުވަހުއެވެ.

ސަލީމް އެ މަޤާމުން ވަކި ކުރެއްވި ނަމަވެސް ޖޭއެސްސީގައި ހުންނަވާ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަމުގެ މަޤާމަށް އަދި އެއްވެސް ބޭފުޅަކު ޢައްޔަން ނުކުރައްވައެވެ.