ދުނިޔެ

ލަންކާގެ އިންތިހާބުގައި ސިރިސޭނާ ކުރި ހޯއްދަވައިފި


ރިޔާސީ ތިންވަނަ ދައުރަކަށް ކުރިމަތިލެއްވި ސްރީލަންކާގެ ރައީސް – މަހިންދަ ރާޖަޕަކްސައަށް އިންތިޚާބުގައި ނާކާމިޔާބީއާއި ކުރިމަތިލައްވަންޖެހިވަޑައިގެންފިއެވެ. ސްރީލަންކާގައި އިއްޔެ ކުރިޔަށް ގެންދިޔަ ރިޔާސީ އިންތިޚާބުގައި ރާޖަޕަކްސަ ނާކާމިޔާބުވީ، ރާޖަޕަކްސަގެ ސަރުކާރުގައި މިދިޔަ ނޮވެމްބަރުމަހާ ޖެހެންދެން ސިއްޙަތާ ބެހޭ ވަޒީރުކަން ކުރައްވަމުން ގެންދެވި އެމް. ސިރީސޭނާ އިންތިޚާބު ކާމިޔާބު ކުރެއްވުމާއެކުގައެވެ. ރާޖަޕަކްސަގެ ދިހަ އަހަރުވީ ވެރިކަމަށް ނިމުން ގެންނެވި ސިރީސޭނާ، ލަންކާގެ ރައީސްކަމުގެ ހުވާ ކުރައްވާނީ ލަންކާ ގަޑިން މިއަދު އިރުއޮއްސި ހައެއް ޖަހާއިރުއެވެ. ޢުމުރުފުޅުން ފަސްދޮޅަސް ތިން އަހަރުގެ ސިރީސޭނާ ސްރީލަންކާގެ ރިޔާސީ ހުވާ ކުރައްވާނީ ލަންކާގެ އިންޑިޕެންޑަންސް ސްކޮއަރގައެވެ. ސިރީސޭނާއަށް ކާމިޔާބު ލިބެމުން ދިއުމާއެކު، ރޭގެ ވަގުތުތަކުން ފެށިގެން ލަންކާގެ އެކި ހިސާބުތަކުގައި ބަޑިބޭހުގެ ކުޅިވަރުތައް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އިންތިޚާބު ބާއްވަންޖެހޭ ތާރީޚަށް ވުރެ ދެ އަހަރު ކުރިން ސްރީލަންކާގައި އިއްޔެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިޔަށް ގެންދިޔައިރު، އިންތިޚާބުގެ ހުރިހާ ކަމެއް ކުރިޔަށްދިޔައީ ސުލްޙަވެރި ކޮށް ކަމަށް ޚަބަރުތައް ބުނެއެވެ.