ވިޔަފާރި

ދައުލަތުގެ ޖުމްލަ ދަރަނީގެ އަދަދު 3.7 ބިލިއަން ޑޮލަރުގައި


ދައުލަތުގެ ޖުމްލަ ދަރަނީގެ އަދަދު 3.7 ބިލިއަން ޑޮލަރަށް އަރާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ފިނޭންސް މިނިސްޓަރުކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް ވިދާޅުވީ ދައުލަތުގެ ޖުމްލަ ދަރަނީގެ އަދަދު 3.7 ބިލިއަން ޑޮލަރަށް އަރާއިރު، މީގެތެރޭގައި އެތެރޭގެ އަދި ބޭރުގެ ލޯނުތައް ހިމެނޭކަމަށެވެ.

ދައުލަތުގެ ދަރަނީގެ ތަފްސީލު ހާމަކުރަމުން މިނިސްޓަރ ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުތަކުން 1.4 ބިލިއަން ޑޮލަރުގެ ސޮވެރިން ގެރެންޓީ 24 ފަރާތަކަށް ދީފައިވާކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަން މިނިސްޓަރ އަމީރު ވިދާޅުވީ، ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކަށް ދޭން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދެވި ވާކަމަށެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ މިދިޔަ ފަސްއަހަރުތެރޭ ސަރުކާރުން ޕަބްލިކް ފައިނޭންސިންގެ ކަންތައްތައް ހިންގަމުންދިޔައީ ވަރަށް ސިއްރުންކަމަށެވެ.

ނަމަވެސް ކުރިޔަށް އޮތް ތަނުގައި މިފަދަ ކަންކަން ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ކުރިޔަށް ގެންދިއުމަށްޓަކައި، ދައުލަތުގެ މާލިއްޔަތާއި ބެހޭ މައުލޫމަތު ކޮންމެ ހަފްތާއަކު އާންމުކުރަމުންދާނެކަމަށެވެ.