ޚަބަރު

ޢަދުލުވެރި ވެރިކަމެއް ކުރުމަށް ޖިނާޢީ ކުށްތަކާއި ހިންގާފައިވާ ޖަރީމާތައް ބަލަންޖެހޭ - މެންބަރުން


ދައުލަތުން ގެއްލިފައިވާ ފައިސާއާއި، ގެއްލިފައިވާ މީހުންގެ މައްސަލަތަކަށް އިންސާފު ހޯދައިނުދޭނަމަ އެއްވެސް ސަރުކާރަކަށް ރައްޔިތުން އިތުބާރު ނުކުރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން ހުށައަޅުއްވާފައިވާ، "ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ" ބިލަކީ ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވާ ރިޔާސީ ދެ ކޮމިޝަން ތަޙްޤީގީ ދެ އިދާރާއަށް ހެދުމާއި ޤާނޫނީ ބާރުތައް އެ ކޮމިޝަނަށް ދިނުމެވެ.

މި ބިލުގައި ރިޔާސީ ދެ ކޮމިޝަނަށް ދީފައިވާ ބާރުތަކުގެ ތެރޭގައި، ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ބާރާއި، ޖިނާޢީ ކުށްތައް ތަޙްޤީޤްކުރުމުގެ ބާރު ހިމެނެއެވެ. މީގެ އިތުރުން ޤާނޫނީ ބާރު ލިބިގެން، ރާއްޖެއިން ބޭރުގެ އިންވެސްޓިގޭޓަރުންގެ އެހީތެރިކަން ހޯދުމާއި، މޯލްޑިވްސް ޕޮލިސް ސާރވިސް އިން އެ ދެ ކޮމިޝަނުން ބޭނުންވާ މަޢުލޫމާތުތައް ހޯދުމާއި، ކޯޓު އަމުރުހޯދުމުގެ ބާރުވެސް އެ ކޮމިޝަނަށް މި ޤާނޫނުން ލިބިދެއެވެ. އަދި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ އެކައުންޓްތައް ހިފެއްހެޓުމަށް ބޭންކުތަކުގައި އެދުމުގެ ބާރާއި، ޝަރީއަތްކޮށް ތަޙުޤީޤުކުރުމަށް ޚާއްޞަ އޮފީހެއް ޕްރޮސެކިއުޓަރ ޖެނެލްގެ އޮފީހާއި ވަކިން ޤާއިމްކޮށް އެސިސްޓަންޓް ޕްރޮސެކިއުޓަރ ޖެނެރަލްގެ ދަށުން ހިންގާ ޚާއްޞަ ޑިޕާޓްމަންޓެއް ޕީޖީ އެކުލަވާލަން ޖެހޭނެކަމަށް ބިލުގައިވެއެވެ.

ރިޔާސީ ދެ ކޮމިޝަނުން މައްސަލައެއް ބަލާ ޕީޖީ އޮފީހަށް ފޮނުވާތާ 15 ދުވަހުގެ ތެރޭގައި ދައުވާކުރުމަށް ގޮތެއް ނިންމާ ޝަރީޢަތަށް ފޮނުވަން ޖެހޭނެކަމަށާއި، މައްސަލައެއް ޝަރީއަށް ފޮނުވާތާ 60 ދުވަހުގެ ތެރޭގައި ފުރަތަމަ މަރުހަލާ ނިންމާ، ހައިކޯޓަށް އިސްތިއުނާފަށް ހުށައަޅައިފިނަމަ 30 ދުވަހުގެ ތެރޭގައި މައްސަލަ ބަލާ ނިންމަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. ސުޕްރީމް ކޯޓުގައި އިސްތިއުނާފަށް ހުށައަޅާއިފިނަމަ އަނެއް 30 ދުވަހުގެ ތެރޭގައި މައްސަލަ ބަލާ ނިންމަންޖެހޭޏެކަމަށް ބުނެފައިވެއެވެ.

"މިއީ މިހާރުން މިހާރަށް ކުރަންޖެހޭކަމެއް. ފާއިތުވި 5 އަހަރު ރައްޔިތުންގެ ފައިސާއަށް ބޮޑެތި ޚިޔާނަތްވެ ބޮޑު ޢަދަދުތަކުން ގެއްލިފައި އެބަހުރި. އަދި ގޮތްނޭގޭ އެތައް މަރުތަކެއް ހަޤީގަތް ނުހޯދި އެބަހުރި. މިސަބަުތަކަށްޓަކާ ސަރުކާރުން ފުރަތަމަ ދުވަހު މަސައްކަތް ވަނީ ފަށާފައި،" ބިލު މަޖިލީހަށް ހުށަހެޅުއްވި މެންބަރު މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.

ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލަށް ބަހުސްކުރައްވަމުން ސަރުކާރަށް ތާޢީދުކުރައްވާ މެންބަރުން ވިދާޅުވީ، ރާއްޖޭގައި ހިންގާފައިވާ ބޮޑެތި ޖަރީމާތަކަށް އިންސާފު ހޯދާނުދެވިއްޖެނަމަ ރައްޔިތުން އެއްވެސް ސަރުކާރަކަށް އިތުބާރު ނުކުރާނެކަމަށެވެ. އަދި ޢަދުލުވެރި ވެރިކަމެއް ދެން ރާއްޖޭގައި ޤާއިމްކުރެވޭނީ އެފަދަ މައްސަލަތައް ބަލައިގެންކަމަށް އެ މެންބަރުން ވިދާޅުވިއެވެ.
ބިލަށް ބަހުސްކުރެއްވި އިދިކޮޅު މެންބަރުން ވިދާޅުވީ، ރާއްޖޭގައި މިނިވަން މުޢައްސަސާތަކެއް ޤާއިމްވެފައިވަނިކޮށް އެ ތަންތަނަށާއި، ފުލުހުންނަށް އަދުގެ ސަރުކާރުން އިތުބާރު ނުކުރާކަން މި ބިލުން ހާމަވާ ކަމަށެވެ. އަދި މިއީ ސިޔާސީ ބޭނުމެއްގައި އުފައްދާ ކޮމިޝަންތަކެއް ކަމަށްވެސް އިދިކޮޅު މެންބަރުން ވިދާޅުވިއެވެ.

މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުޤީގުކުރުމަށް އެކުލަވާލާފައިވާ ކޮމިޝަނަކީ، 2012 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން، މިއަހަރުގެ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހާ ދެމެދު ގަސްތުގައި މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނެކެވެ. އަދި ދަޢުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް އެކުލަވާލާފައިވާ ކޮމިޝަނަކީ، ދައުލަތުގެ އެކި ފަންތީގައި ތިބި ފަރާތްތަކުން ވެފައިވާ ޚިޔާނަތްތަކާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ މައްސަލަތައް އެކަށީގެންވާ މިންވަރަށް ތަޙުޤީޤުކުރުމަށް އުފައްދާފައިވާ ކޮމިޝަނެކެވެ.