ޚަބަރު

ހޯމް މިނިސްޓަރަށް ރުހުން ހޯދުމަށް ކޮމިޓީއަށް ފޮނުވާފައިފި


ހޯމް މިނިސްޓަރ އައްޝައިޚް ޢިމްރާން ޢަބްދުﷲއަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

ހޯމް މިނިސްޓަރަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް ފޮނުވާފައިވަނީ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށެވެ. ހޯމް މިނިސްޓަރަށް ރުހުން ހޯދުމަށް ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހަޅާފައި މިވަނީ، ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ މަޤާމުން އިސްތިއުފާ ދެއްވުމަށްފަހު އަލުން އެ މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ.

ހޯމް މިނިސްޓަރުގެ މަޤާމުން ޝައިޚް އިމްރާން ޢަބްދުﷲ އިސްތިއުފާދެއްވުމަށްފަހު އަލުން މަޤާމާއި ހަވާލުވެވަޑައިގަތީ، ފުރަތަމަ ވަޒީރުކަމާއި ހަވާލުވެވަޑައިގެންނެވިއިރު އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލުހުކުމުގެ ސަބަބުން އެމަނިކުފާނަށް ވަޒީރުކަން އަދާކުރެވޭނެކަމާމެދު ބައެއް ފަރާތްތަކުން ސުވާލުއުފައްދާފައިވާތީއެވެ. ނަމަވެސް ފަހުން ސުޕްރީމް ކޯޓުން ވަނީ ޖަލު ހުކުމް ބާޠިލްކޮށްފައެވެ.

ހޯމް މނިސްޓަރަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވާފައިވާއުރު، ރައީސް ޞާލިޙްގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ އިތުރު ވަޒީރުންނާއި ބަންޑާރަ ނާއިބަށްވެސް ރުހުންދިނުމުގެ މައްސަލަ މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ.