ޚަބަރު

މިދުވަސްވަރު ފެތުރިދާނެ ރޯގާގެ ބަލިމަޑުކަމަކަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި


މިއީ ސްކޫލް ޗުއްޓީ ދުވަސްވަރުކަމަށްވެފައި، ދަތުރުފަތުރުކުރުން އިތުރުވުމާއި، ގިނަ ބަޔަކު އެއްވެ އުޅުން އިތުރުވާ ދުވަސްވަރެއްކަމުން ރޯގާ އާއި އެކި ބަލިތައް ފެތުރުމުގެ ފުރުޞަތު ބޮޑުވާނެތީ، އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ، މިދުވަސްވަރު އަރިދަފުސް ރޯގާއާއި ވައިރަލް ހުމާއި، ބޭރަށް ހިންގުމާއި، ލޮލު ރޯގާއާއި، ފާނަ ބަސަންދާއި، ހޭންޑް ފުޓް އެންޑް މައުތް ބައްޔާއި، ޑެންގީ ހުން ފެތުރުމުގެ ފުރުޞަތު ބޮޑު ކަމަށެވެ.

އެހެންކަމުން އަރިދަފުސް ރޯގާއާއި ވައިރަލް ހުން ޖެހިއްޖެނަމަ، ކެއްސާ ކިނބިހި އަޅާއިރު އަނގަޔާއި ނޭފަތް ކުޑަރުމާލަކުން ނުވަތަ ޓިޝޫއަކުން ނިވާކުރުމާއި، ރޯގާޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން މަދުކުރުމާއި، ޚާއްސަކޮށް އެފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން، ބޭރަށް ހިންގުންފަދަ ކަންކަމުން ރައްކާތެރިވުމުގެ ގޮތުން، ކެއުމުގެ ކުރިންނާއި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުމާއި، ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމާއި ރޯކާނާވެސް ރަނގަޅަށް ދޮވެގެން ބޭނުންކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

އެޗްޕީއޭއިން ބުނީ، ލޮލު ރޯގާގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ރަނގަޅުވަންދެން ނުވަތަ ލޯތެރެ ސާފުވަންދެން ގޭގައި މަޑުކުރުމާއި، ބަލިފަސޭހަވެ ބޭސް އަޅާ މުއްދަތު ނިމުމުން ލޮލަށް އަޅާ ބޭސް ރައްކާތެރިކަމާއެކު ނައްތާލުމަށް ސަމާލުވުން މުހިންމުކަމަށެވެ. މީގެއިތުރުން ޑެންގީ ހުން ފެތުރިދާނެތީ މަދިރި ހެފުމުން ރައްކާތެރިވުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.