ވިޔަފާރި

24ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަދިނުމާއިބެހޭ ގޮތުން މަޝްވަރާކޮށްފި


24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމާއިބެހޭ އުސޫލަށް އާންމުންގެ ހިޔާލު ހޯދުމަށް މާލޭ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި މި އުސޫލު އިތުރަށް ފުރިހަމަ ކުރެވޭނެ ގޮތްތަކާއި، ހުރި މައްސަލަތަކަށް އާންމުން މަޝްވަރާކޮށްފިއެވެ.

24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަދިނުމާބެހޭ އުސޫލު އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށް، ހިޔާލު ހުށަހެޅުމަށް އެ މިނިސްޓްރީން ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. މިކަމަށް އާންމުންގެ މަޝްވަރާ ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިސްނަގައިގެން އާދީއްތަ ދުވަހުގެ ރޭ 8:30 ގައި މާލެ ސިޓީ ކައުންސިލުގެ މާފަންނު އޮފީހުގައި ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.

މިބައްދަލުވުމުގައި ބައިވެރިވި ބައެއް އާންމުންނާއި ވިޔަފާރިވެރިން ވަނީ ކަމާއި ގުޅޭގޮތުން ތަފާތު ހިޔާލުތައް ފާޅުކޮށްފައެވެ.

މިގޮތުން 24 ގަޑިއިރު ފިހާރަ، ކެފޭ، ރެސްޓޯރެންޓު، ބޭސްފިހާރަ އަދި އެހެނިހެން ޒަރޫރީ ތަކެތި ވިއްކާ ތަންތަން ހުޅުވާފައި ހުރުމުން ޝިފްޓް ޑިއުޓީއަށް މަސައްކަތްކުރާ މީހުންނާއި، ކަމެއް ދިމާވާ ހާލުގައި ބޭސްފަދަ ތަކެތި ބޭނުންވާ ފަރާތްތަކަށް ވަރަށްބޮޑު ފަސޭހަކަމެއް ލިބިގެންދާނޭކަމަށް ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުން ފާހަގަކުރިއެވެ. އަދި ސިޓީއެއްގައި 24 ގަޑިއިރު ހިދުމަތްތައް ލިބެން ހުރުމުގެ މުހިންމުކަމާއި ބެހޭގޮތުންވެސް ވަނީ ވާހަކަދައްކާފައެވެ.

ނަމަވެސް މި ބައްދަލުވުމުގައި ބައިވެރިވި ބައެއް މީހުން ބުނެފައިވަނީ، 24 ގަޑިއިރު ތަންތަން ހުޅުވާފައި ބެހެއްޓުމަކީ އާންމު އާދަކާދަތައް ބަދަލުވެ، ނުރަގަނޅު އާދަކާދަތަކަށް މަގުފަހިވެދާނެ ކަމެއްކަމަށެވެ. މިއީ ހޭލާ ތިބުމަށް މަގުފަހިވެގެންދާނޭ ކަމެއްކަމަށްވެސް އެފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. ބައްދަލުވުމުގައި ބައިވެރި ބައެއް މީހުން ވަނީ ލަސްވެގެން މެންދަމު 12 ޖަހާއިރު ތަންތަން ބަންދުކުރުން ރަނގަޅުކަން ފާހަގަކޮށްފައެވެ.
ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފު ވިދާޅުވީ، މިބައްދަލުވުމުގައި ލިބުނު ހިޔާލުތައް އިކޮނޮމިކް މިނިސްޓްރީއާއި ހިއްސާކުރާނޭކަމަށް ވިދާޅުވެފައެވެ.

" ރައްޔިތުން ހުށަހެޅި ހިޔާލުތައް އިކޮނޮމިކް މިނިސްޓްރީއަށް ފޮނުވާނަން. އެބޭފުޅުން ޑްރާފްޓްކޮށްފައިވާ އުސޫލު އިތުރަށް ފުރިހަމަ ކުރުމަށްޓަކާއި. ގިނަ ބޭފުޅުން އެބަ ތާއީދުކުރޭ ކޮންމެސް އުސޫލެއްގެ ތެރެއިން މިކަން ކުރަން. އުންމީދުކުރަން ކުރިޔަށް އޮތް ދުވަސްތަކުގައި ވަރަށް ބޮޑަށް ބެލެހެއްޓޭނެ ގޮތަކަށް މިހުއްދަދެވޭނެ ގޮތެއް މިއުސޫލު ފުރިހަމަ ވެގެން ނުކުންނާނެކަމަށް." ޝަމާއު ވިދާޅުވިއެވެ.

24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަ ދިނުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާއިރު، މިއުސޫލުގައި 24 ގަޑިއިރު ވިޔަފާރިކުރުމަށް ހުއްދަ ދޭނެ ތަންތަން ވަނީ ކަނޑައަޅާފައެވެ.

މިއުސޫލުގައިވާ ގޮތުން 24 ގަޑިއިރު ޚިދުމަތްދޭން ހުއްދަ ދޭނީ ސިޓީތަކުގައި، ފްރެންޗައިޒް އުޞޫލުން ހިންގާ ތަންތަން ފިޔަވައި، ރީޓެއިލް އުޞޫލުން ޛަރޫރީ ބޭނުންތައް ފުއްދުމަށް ބޭނުންވާ މުދާ ވިއްކާ ތަންތަނާއި ކެއިންބުއިމުގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ތަންތަނަށް އެކަންޏެވެ.

މީގެ އިތުރުން މީހުން ދިރުއުޅޭ ރަށްރަށުގައި ހިންގާ ފާމަސީތަކާއި، ސިޓީތަކުގައި ހިންގާ ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަނަށްވެސް 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދިނުމަށް މިއުސޫލުގައިވެއެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުގައި ޤާއިމުކޮށްފައިވާ ފިހާރަތަކާއި ކެއިންބުއިމުގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަންތަނަށްވެސް މިހުއްދަ ލިބޭނެއެވެ.

މިއުސޫލުގެ ދަށުން ހުއްދަދޭނީ 5 އަހަރުގެ މުއްދަތަކަށެވެ. ހުއްދަ ދެވޭ ފަރާތްތަކުން މޯލްޑިވްސް އިންލޭންޑު ރެވެނިއު އޮޓޯރިޓީ، މީރާއަށް 2000 ރުފިޔާގެ ފީއެއް ދައްކަންޖެހޭނެއެވެ. އަދި ޤަވައިދާ ޚިލާފް ވެއްޖެނަމަ 24ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ބާތިލްކުރެވޭނެ ގޮތްވެސް ކަޑައެޅިފައިވެއެވެ.