ޚަބަރު

މިިނިސްޓަރުކަމަށް އިމްރާން އައްޔަންކުރުމަކީ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުން - ނިހާން


ޝަރުޢީ ހުކުމެއް ސާބިތުވެފައިވާ މީހަކު ވަޒީރުކަމަށް ޢައްޔަންކުރުމަކީ ޤާނޫނު އަސާސީގެ ބާރުކަނޑުވާލުންކަމަށް ބުނެ ނިހާން ސަރުކާރު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ހޯމް މިނިސްޓަރގެ މަޤާމަށް މިދިޔަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ޢައްޔަންކުރެއްވި ޢިމްރާން ޢަބްދުﷲ މިއަދު ވަނީ އެ މަޤާމުން އިސްތިއުފާދެއްވާ އަލުން އެ މަޤާމުގެ ހުވާކުރައްވާފައެވެ. މިކަން ކުށްވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިދިކޮޅު ޕީޕީއެމްގެ އިސްކޮށް އުޅުއްވާ އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޝަރުތު އިމްރާނަށް އެނގިވަޑައިގަންވަންޖެހޭކަމަށާއި، އެ ޝަރުތު ހަމަނުވާ މީހަކު ހުވާކުރުމަކީ އާދާއިގެ ކުޑަ ކަމެއް ނޫންކަމަށެވެ. އެއީ ބޮޑު މައްސަލައެއްކަމަށާއި، އެހެންކަމުން އެކަން ކުރިބަޔަކާއި، ކުރުވި ބަޔަކު ޒިންމާ އުފުލަންޖެހޭނެކަމަށް ނިހާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ވަޒީރުންނަށް ރުހުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ މައްސަލާގައި އިމްރާނަށް ރުހުންދިނުމުގައި ބައެއް މެންބަރުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާކަމަށެވެ. ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށްފަހު، އެ މައްސަލަ މިހާރު ނިމުމަކާ ގާތްވެފައިވަނިކޮށް މަޤާމަށް ޢައްޔަންކުރެއްވިތާ 13 ދުވަސް ފަހުން އިސްތިއުފާ ދެއްވީ، އެއީ ގޯސްކޮށް ހިނގާފައިވާ ކަމެއްކަމަށް ޤާބޫލުކުރެވޭތީކަމަށް ނިހާން ތުހުމަތުކުރެއްވިއެވެ. އަދި އެއީ ޤާނޫނު އަސާސީގެ ބާރު ކަނޑުވާލުންކަމަށްވެސް ނިހާން ސިފަކުރެއްވިއެވެ.

"ހުކުމެއް އޮތްހާ ހިނދަކު ވަޒީރުންގެ މަޖިލީހަށް އެއްވެސް ބޭފުޅަކު ޢައްޔަންވެސް ނުކުރެވޭނެ. އަދި ހުވާވެސް ކުރައްވައިގެން ނުވާނެ. ރައީސް އޮފީހުގައި ހުވާކުރެއްވުމަށްފަހު އެހިސާބުން ވިސްނިވަޑައިގެން 13 ދުވަސް ފަހުން އިސްތިއުފާދެއްވާ އަލުން ހުވާކުރެއްވީ ހެދުނު ގޮސް ޤަބޫލުފުޅުކުރެއްވުނީމަ. އެކަން ގޯސްކޮށް ކުރިބަޔަކު އެއީ ކުޑަކުޑަ ކަމަކަށް ވެގެންނުވާނޭ، އެއީ ޤާނޫނު އަސާސީއާއި ޚިލާފު ޢަމަލެއްކުރުމަށްފަހު. ޤާނޫނު އަސާސީއާ ޚިލާފުވީ ކަމަށް މި ބުނަނީ ވަކިގޮތަކަށް ޤާނޫނު އަސާސީގައި ކުރުމަށް ބުނެފަ އޮތްކަމެއް އެއީ." ނިހާން ވިދާޅުވިއެވެ.

ޤާނޫނު އަސާސީގެ 130 ވަނަ މާއްދާގައި ބުނެފައިވަނީ ވަޒީރުންގެ ހުރުން ލާޒިމު ޝަރުތުތަކުގެ ތެރޭގައި، ވަޒީރުކަމަށް ޢައްޔަން ކުރާ މީހަކީ، ޖިނާޢީ ކުށެއް ކުރިކަން ސާބިތުވެގެން ބާރަ މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކު ކަމުނަމަ، އެ ޙުކުމް ތަންފީޒްކޮށް ނިމުނުތާ ނުވަތަ އެ ޙުކުމުން ކަނޑައެޅުނު ޢަދަބު މަޢާފްކުރެވުނުތާ ތިން އަހަރު ނުވާ މީހަކު ކަމުގައި ވާންޖެހޭނެކަމަށެވެ.
އިމްރާން ޢަބްދުﷲ ހޯމް މިނިސްޓަރުކަމަށް ނޮވެމްބަރު 17 ގައި ޢައްޔަންކުރެއްވި އިރު، އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ 12 އަހަރުގެ ޖަލުހުކުމް ބާޠިލްކޮށްފައެއްނުވެއެވެ. ނަމަވެސް ފަހުން ސުޕްރީމް ކޯޓުން ވަނީ އެ ޙުކުމް ބާޠިލްކޮށްފައެވެ.