ސިޔާސީ

އެއްބަސްވުމަށް ރައީސް އިޙުތިރާމުކުރައްވާނެ ކަމުގެ އިތުބާރު އެބައޮތް - އަދާލަތު ޕާޓީ


ރިޔާސީ އިންތިޚާބަށް އިދިކޮޅު ފަރާތްތަކުން ވެފައިވާ އެއްބަސްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ފުރިހަމައަށް އިޙުތިރާމުކުރައްވާނެކަމުގެ އިތުބާރު އެބައޮތް ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

އަދާލަތު ޕާޓީން ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއެކު ވެފައިވާ އެއްބަސްވުން ހިމަނައިގެން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެމްޑީޕީއާއި ޖެޕީއާއި ރައީސް މައުމޫނާއި އަދާލަތު ޕާޓީން އޭރު ދެއްކި ވާހަކަތަކުގެ މައްޗަށް އޭރުގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސް ޞާލިޙާއި އެކު ވެފައިވާ އެއްބަސްވުން ދެމިއެބައޮތް ކަމަށެވެ.

އަދާލަތު ޕާޓީން މިހެން ބުނެފައިވާއިރު، ސަރުކާރުގެ މައި ޕާޓީ އެމްޑީޕީން ވަނީ އެޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި 87 ދާއިރާއަށް ވާދަކުރަން ނިންމާފައެވެ. އެހެންކަމުން މި ނިންމުމާ ގުޅިގެން އެމްޑީޕީގެ ނިންމުމަށް ސޯޝަލް މީޑިއާގައި އެކި ޕާޓީތަކަށް ނިސްބަތްވާ މެންބަރުންދަނީ ފާޑު ކިޔަމުންނެވެ.

އަދާލަތު ޕާޓީ ހިމެނޭހެން އޭރު އިދިކޮޅު ފަރާތްތަކުން އެއްބަސްވުމެއް އެކުލަވާލާފައިވާއިރު، މި އެއްބަސްވުން އެކުލަވާލާފައިވަނީ ރައީސް ޞާލިޙާއެކުއެވެ. ނަމަވެސް އޭރު އެ އެއްބަސްވުންތަކުގައި ރައީސް މައުމޫނުގެ ފަރާތުން ސޮއިކޮށްފައެއް ނުވެއެވެ. ރައީސް މަޢުމޫން ސޮއި ނުކުރެއްވި ސަބަބެއް އަދި އެނގިފައެއްނުވެއެވެ. އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ތިން ޕާޓީއަކުންނެވެ.

ރައްޔިތުން މަޖިލީހުގެ ދާއިރާތައް ބެހުމާގުޅޭގޮތުން ދެބަސްވުމެއް އުފެދިފައިވާ މިދަނޑިވަޅުގައި ކޯލިޝަނުން އެއްބަސްވެފައިވާ ގޮތަށް ގޮނޑިތައް ބަހައިފި ނަމަ، އެމްޑީޕީއަށް ވާދަކުރަން ލިބޭނީ 35 ދާއިރާއެވެ. އަދި ޖުމްހޫރީ ޕާޓީއަށް 22 ދާއިރާ ލިބޭއިރު، އަދާލަތު ޕާޓީއަށް 13 އަދި ރައީސް މައުމޫނަށް 17 ދާއިރާ ލިބޭނެއެވެ.

އަދާލަތުން ވަނީ އަންނަ މަޖިލިސް އިންތިޚާބުގައި 13 ދާއިރާއަކަށް އެޕާޓީން ވާދަކުރާނެ ކަމަށް ނިންމާ 13 ދާއިރާތައްވެސް އިޢުލާންކޮށްފައެވެ.