ޚަބަރު

ޗީފް ސްކައުޓްގެ މަޤާމު ރައީސުލްޖުމްހޫރިއްޔާ ޤަބޫލުފުޅު ކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހު ޗީފް ސްކައުޓްގެ މަޤާމު ޤަބޫލުފުޅުކުރައްވައިފިއެވެ.

ޗީފް ސްކައުޓުގެ މަޤާމު އެމަނިކުފާނު ޤަބޫލުފުޅުކުރެއްވީ މިއަދު ހެނދުނު ސްކައުޓް އެސޯސިއޭޝަންގެ މެންބަރުންނާއި އެކު ބޭއްވި ބައްދަލުވުމުގައެވެ. މި ބައްދަލުވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ޗީފް ސްކައުޓުގެ މަޤާމު ރައީސް ޞާލިޙު ޤަބޫލުފުޅުކުރެއްވީތީ ސްކައުޓު އެސޯސިއޭޝަން ކައުންސިލްގެ ފަރާތުން ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޗީފް ސްކައުޓްގެ މަޤާމް ޤަބޫލުފުޅުކުރައްވާފައިވާތީ ސްކައުޓް އެސޯސިއޭޝަން ކައުންސިލްގެ ފަރާތުން ވަނީ އެމަނިކުފާނުގެ ކަރުފުޅުގައި ޗީފް ސްކައުޓްގެ ރަމްޒީ ސްކާފް އަޅުއްވައިދެއްވައިފައެވެ.


މިބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ސްކައުޓްގެ ޙަރަކާތްތައް ކުރިޔަށްގެންދިޔުމުގައި ސްކައުޓް އެސޯސިއޭޝަނަށް އެމަނިކުފާނުގެ ފަރާތްޕުޅުން ބޭނުންވާ ހުރިހާ އެހީތެރިކަމަކާއި އެއްބާރުލެއްވުމެއް ލިބިވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން ސްކައުޓު އެސޯސިއޭޝަން ކައުންސިލަށް ދެއްވާފައެވެ.

ސްކައުޓް އެސޯސިއޭޝަން ކައުންސިލްގެ މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާ ޗީފް ސްކައުޓްގެ މަޤާމް ޤަބޫލުފުޅުކުރެއްވިކަމަށްޓަކައި އެމަނިކުފާނަށް ޝުކުރުއަދާކުރައްވާފައެވެ. އަދި، މި ބައްދަލުކުރެއްވުމުގައި ކައުންސިލްގެ މެންބަރުން ވަނީ ރާއްޖޭގައި ސްކައުޓްގެ ޙަރަކާތްތައް ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތަކާއި ކުރިޔަށް އޮތް އަހަރު ސްކައުޓް ޙަރަކާތްތަށް ކުރިޔަށް ގެންދިޔުމަށް ރޭވިފައިވާ ގޮތުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ސްކައުޓް އެސޯސިއޭޝަން ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ރަމްޒީ ހަދިޔާއެއް ވެދުންކުރައްވާފައެވެ.