ޚަބަރު

އަންހެނުންގެ ކޮމިޓީތައް ހިންގުމުގައި ހުރި ގޮންޖެހުންތައް ހައްލުކުރުމުގެ މަސައްކަތް ފަށައިފި


އަންހެނުންގެ ކޮމިޓީތައް ހިންގުމުގައި ދިމާވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގެ މަސައްކަތް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ފަށައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ލޯކަލް ގަވަރމެންޓް އޮތޯރިޓީ، އެލްޖީއޭގެ އެސިސްޓެންޓް ޑިރެކްޓަރ ޢަބްދުﷲ ރަޝީދު ވިދާޅުވީ އަންހެނުންގެ ކޮމިޓީތައް ހިންގުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އެއޮތޯރިޓީއަށް ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން ކޮމިޓީތަކުގެ މެމްބަރުންނަށް ދޭންޖެހޭ އެލަވަންސް ކުޑަކަމުގެ ޝަކުވާ ކޮމިޓީތަކުން އެލްޖީއޭއަށް ހުށަހަޅަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ޢަމަލުކުރަމުންދާ އުސޫލުގެ ދަށުން ކޮންމެ މަހަކު ބާއްވާ އަންހެނުންގެ ކޮމިޓީގެ ބައްދަލުވުންތަކުގެ ތެރެއިން 4 ބައްދަލުވުމުގައި ބައިވެރިވެއްޖެނަމަ ކޮންމެ މެމްބަރަކަށް ލިބެނީ 500 ރުފިޔާއެވެ. މި މައްސަލަ ޙައްލުކުރުމަށް ފިނޭންސް މިނިސްޓްރީއާ މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާކަމަށް އެލްޖީއޭގެ އެސިސްޓެންޓް ޑިރެކްޓަރ ވިދާޅުވިއެވެ.

އެލްޖީއޭގެ އެސިސްޓެންޓް ޑިރެކްޓަރ ޢަބްދުﷲ ރަޝީދު ވިދާޅުވީ އަންހެނުންގެ ކޮމިޓީތައް ކުރިއެރުވުމުގައި ދިމާވާ އެއް މައްސަލައަކީ ރަށްރަށުގައި އާމްދަނީ ހޯދުމަށް ކުރެވެންހުރި މަސައްކަތްތައް ދެނެގަނެ އެފަދަ މަސައްކަތްތައް އެކަށީގެންވާގޮތުގައި ފެށުމަށް ހުރި ގޮންޖެހުންތައްކަމެވެ. އެހެންނަމަވެސް ބައެއް ރަށްރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި އާއްދަނީ ހޯދޭނެ ގޮތްތައް ދެނެގަނެ ބޮޑު އާމްދަނީއެއް ހޯދާ އަންހެނުންގެ ކޮމިޓީތަކާއި ކައުންސިލްތައް މިހާރުވެސް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

އެލްޖީއޭއިންވަނީ ކައުންސިލްތަކުގެ ދަށުން ހިންގަމުން އަންނަ އަންހެނުންގެ ކޮމިޓީތަކަށް ބައެއް ރަށްރަށުން މީހުން ކުރިމަތި ނުލާކަމާއި އަދި ކުރިމަތިލާފައި ހޮވޭ ބައެއް ދާއިރަތަކުންވެސް އިސްތިއުފާ ދިނުންފަދަ ކަންކަން ދިމާވާކަން ފާހަގަކޮށްފައެވެ. މިކަން މިހެން ދިމާވާ ސަބަބުތައް ދެނެގަނެ އަންހެނުންގެ ކޮމިޓީތައް އިތުރަށް ބާރުވެރިކުރުވުމުގެ މަސައްކަތްކުރަމުންދާކަމަށް އެލްޖީއޭއިން ބުނެއެވެ.